ކޮރޯނާވައިރަހާ ގުޅިގެން ލުބުނާންގައި ކާފިއު ހިންގައި ފުރަބަންދުކޮށްފައި އޮތަސް ގައުމަށް ކުރިމަތިވަމުންދާ ތަދުމަޑުކަމާދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނިކުމެ މުޒާހަރާކުރަމުން އެބަދެއެވެ.
މުޒާހަރާ ކުރާމީހުން ބުނަމުންދަނީ އެމީހުން ބަޑަށް މަރުވާނީތޯ ނޫނީ ކޮރޯނާވައިރަހުގައި މަރުވާނީތޯ މި ދެކަމުންކުރެ ކޮންމެވެސް އެއްކަމެއް އިޚްތިޔާރުކުރަން މަޖުބޫރުވެފައިވާކަމުގައެވެ.
ތަޖުރިބާކާރުން ބަޔާންކުރާގޮތުގައި މަސައްކަތު މީހުންނާއި ވަޒީފާއެއް ނެތް ފަގީރުން އުޅެމުންދަނީ ވަރަށް ދަތި ނިކަމެތި ހާލެއްގައެވެ. އަދި އެމީހުންގެ ހާލަތު ދަނީ އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރި ދަރަޖައަކަށް ބަލިކަށިވަމުންނެވެ. އަދި އެ ގައުމުގައި ދިރިއުޅެމުންދާ ހިޖުރަކޮށްފައިވާ މީހުންގެ ހާލަތު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެ މީހުންނަށް ކާނެ އެއްޗެއް ބޯނެ ފެންފޮދެއްނުލިބި އެތައް ގަޑިއިރެއް ހޭދަވެގެން އެބަދެއެވެ. އެމީހުން ރެއާއި ދުވާލު ތިބެނީ ރޯދައަށެވެ. އަދި އެއީ ބަނޑަށް ޖެހިފައިވާ ބައެއްކަމަށް ވެސް ސިފަކުރެވެމުން އެބަދެއެވެ. އެއީ ގައުމުގައި ދިރިއުޅޭ އެންމެ ނިކަމެތި ބަލިކަށި މީހުންނެވެ.
ފުރަބަންދުގެ ސަބަބުން ވަޒީފާގެއްލުމާއި ކެއުން ބުއިމަށް ބޭނުންވާނެ ތަކެތި ނުލިބުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލުބުނާންގެ ވަރަށް ގިނަބަޔަކަށް މަގުމައްޗަށް ނިކުތުން ވަނީ މަޖުބޫރުވެފައެވެ. ގައުމުގެ ހުރިހާދިމާއެއްގައި ވަނީ މުޒާހަރާއެވެ. ބައެއް ހަތަރުއަނގޮޅި ކަންމައްޗަށް ބޮޑެތި ޓައިރުއަޅައި އޭގައި ހުޅުޖަހައި ރޯކުރަމުން އެބަދެއެވެ.
ހެލްތު މިނިސްޓަރ ޙަމާދު ޙަސަން އަޑަށް ބާރުލައްވާފައި ވިދާޅުވީ ވަބާ ފެތުރުން ހުއްޓުވުމުގައި ހޯދި ކާމިޔާބީ މުޒާހަރާތަކުގެ ސަބަބުން ބޭކާރުވެގެން ދިއުމުގެ ބިރު ހީވެފައިވާ ކަމަށެވެ.
އޭނާ މުޒާހިރީންނަށް ގޮވާލެއްވީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށެވެ. މާސްކު އެޅުމަށެވެ. ގައިދުރުކޮށް އުޅުމަށެވެ. ވައިރަސް އެކަކު ގައިން އަނެކަމު ގަޔަށް ނާރާނީ އެހެން ހެދުމުންކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ލުބުނާންގައި މުޒާހަރާތައް ފެށުނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެތެރޭގައެވެ. މުޒާހަރާތަކުގެ އަސްލަކީ އާއްމު ރައްޔިތުނަށް އިގުތިސާދީ އަދި މާލީ ދަތިތައް ކުރިމަތިވެ ދިރިއުޅެން ދަތިވުމެވެ. ސަރުކާރަށް ހެއު ގޮތެއް ހޯދައި ނުދެވުމެވެ. ގައުމުގެ ހާލަތު ރަނަގަޅުނުވެ އެއްދުވަހުން އަނެއް ދުވަހަށް ދަނީ ގޯހުން ގޯހަށެވެ.
ކޮރޯނާވައިރަސް އައިސް ބޯމަތިވުމުން ލުބުނާންގެ ފައިސާގެ އަގުވަނީ ވެއްޓިފައެވެ. މުދަލާއި ކާބޯތަކެތީގެ އަގު ވަނީ އަތްފޯރާވަރަށް ވުރެ މައްޗަށް އުފުލިގެން ގޮސްފައެވެ. ވަޒީފާތަކުން މީހުން ވަކިކޮށް ދުރުކުރަމުން ދަނީއެވެ. ނިކަމެތިކަމުގެ މައްޗަށް ނިކަމެތިކަމެވެ.
"ލުބުނާންއަށް ކޮރޯނާވައިރަސް އައުމުގެ ކުރިން ވެސް ގައުމުގެ އިގުތިސާދު އޮތީ ނުރައްކާތެރި ހާލަތެއްގައި." ލެބެނާންގެ ހާލަތު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ. "ކޮރޯނާވައިރަސް ލުބުނާނަށް އައުމުން ގައުމު އޮތީ ބަނގުރޫޓުވެފައިވާ ހާލަތެއްގައި."
ލުބުނާންއަކީ އިންތިހާއަށް ދަރަނި ބޮޑު ގައުމެކެވެ.
މިތަންވަޅު ލުބުނާންއަށް އޮތް ހަމައެކަނި އުފާވެރި ޚަބަރަކީ ކޮރޯނާވައިރަސް އެގައުމުގައި ކޮންޓްރޯލް ވެފައި އޮތުމެވެ. އަންގާރަދުވަހުގެ މެންދުރުފަހުގެ ރިޕޯޓުތަކަށް ބަލާއިރު ވައިރަސް ޖެހިފައި އެގައުމުގައި ތިބީ 717 މީހުންނެވެ. އަދި ބަލީގައި މަރުވެފައި ވަނީ އެންމެ 24 މީހުންނެވެ. އެކަމަކު މުޒާހަރާތަކުގެ ސަބަބުން މުޅި ގައުމަށް ކޮރޯނާވައިރަސް ފެތުރިގެން ދިއުމުގެ ބިރު ބޮޑެވެ.