މި ދުވަސްވަރަކީ ރާއްޖެއަ ށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވާތީ، ހާއްޞަކޮށް މެދު ރާއްޖެތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓް ގާޑް އިން އިލްތިމާސްކޮށްފި އެވެ.
ކޯސްޓް ގާޑުން ބުނީ ރޭގަނޑު ދަތުރު ކުރާ ނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރު ކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހައްޓަން އިލްތިމާސް ކުރާ ކަމަށެވެ.
އަދި ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ޕަންޕް ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކް ކުރުމާއި އަދި މި ނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭވުމަށް ކޯސްޓް ގާޑުން އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށް ވެސް އެމްއެންޑީއެފް ކޯސްޓް ގާޑްއިން މަޢުލޫމާތު ދެ އެވެ.