Last Updated: July 3, 14:09
Thursday, July 3, 2025
ޚަބަރު

ކޮރޯނާ ބާގާ: ވިއެޓުނާމުގައި އެންމެ މަގުބޫލު ބާގާ

މިދިޔަ މަހު ވިއެޓުމާނާމުގެ ހަނޯއީގެ ކައްކާއަކު ތައްޔާރުކުރި ކޮރޯނާ ބާގާ މިއަދު މަގުބޫލު އެއްޗަކަށް ވެފައި ވަނީ ހަމައެކަނި ވިއެޓުނާމުގައި އެކަންޏެއްނޫނެވެ. މުޅި ދުނިޔޭގައި ވެސް ކޮރޯނާ ބާގާގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ. މި ބާގާގެ މަތީބައި ތައްޔާރުކޮށްފައި ހުންނަނީ ކޮރޯނާ ވައިރަސްގެ ސިފައިގައެވެ.

ކޮރޯނާ ވައިރަސް މުޅިދުނިޔެއަށް ފެތުތެމުން ދަނީ ބިރުވެރި ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ. އެކަމަކު ކޮރޯނާ ބާގާ މުޅި ދުނިޔެއަށް ފެތުރެމުންދަނީ ޝައުގުވެރިކަންހުރި މަގުބޫލު އެއްޗެއްގެ ގޮތުގައެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނި ފެތުރެން ފެށީ ޗައިނާގެ ވުހާނުންނެވެ. އަދި އެ ވައިރަސް ވަނީ މުޅި ދުނިޔެއަށް ހެން ފެތުރިގެން ގޮސްފައެވެ. އެކަމަކު ހައިރާން ވާންޖެހެނީ ޗައިނާގެ އަވަށްޓެރި ވިއެޓުނާމުން އެބަލި ގައުމަށް ފެތުރުނަ ނުދީ ހިފަހައްޓާފައިވާ ގޮތެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެހެން ވާންޖެހުނީ ސަރުކާރުން އެޅި ހަރުކަށި އަދި ހަރުދަނާ ފިޔަވަޅުތަކެވެ. އަދި ކޮރޯނާ ވައިރަސްގެ ހޭލުންތެރިކަން އުފައްދައި ފެތުރުމަށް ސަރުކާރާއި ރައްޔިތުންކުރި ތަފާތު ބުރަ މަސައްކަތްތަކެވެ.

އޭޕްރީލް މަސް ނިމުނު އިރު ވިއެޓުނާމުގައި ކޮރޯނާ ވައިރަސް ޖެހިފައި ތިބީ 270 މީހުންނެވެ. އެންމެ މީހަކު ވެސް އެގައުމުން މަރެއްނުވެއެވެ.
ކޮރޯނާ ބާގާއަކީ ވިއެޓުނާމުގެ ރެސްޓޯރެންޓެއްގައި މިދިޔަ މަހު ހަދައިގެން ނެރުނު އެއްޗެކަށް ވިޔަސް މިއަދު މިވަނީ މުޅިދުނިޔެއަށް މަޝްހޫރުވެ ފެތުރިފައެވެ.

މިހާރު ދުނިޔޭގެ އެހެން ގައުމުތަކުގެ ރެސްޓޯރެންޓުތަކުގައި ވެސް ކޮރޯނާ ބާގާ ހަދަމުން އެބަދެއެވެ. އަތުފަތު ނުޖެހި ވިކެމުން އެބަދެއެވެ.

ކޮރޯނާ ބާގާ އުފެއްދި މީހާ ބުނިގޮތުގައި ކޮރޯނާ ބާގާ ކައިއުޅުނަސް ކޮރޯނާ ވައިރަހެއް ނުޖެހޭނެއެވެ. އެކަމަކު ބާގާ ކެއުމުން ކޮރޯނާ ވައިރަހުން ސަލާމަތްވާނެ ގޮތް އެނގޭނެއެވެ.