Last Updated: April 24, 10:06
Wednesday, April 24, 2024
ޚަބަރު

ފިނިބުރު ޖެހުން ނުހުއްޓޭތީ ފުވައްމުލަކު ލިންކު ރޯޑު ބަންދުކުރަނީ

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފުވައްމުލަކު ކައުންސިލުން އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ރޯދަ މަހު ހަވީރު ފިނިބުރު ޖެހުން މަނާ ކުރުމުން ވެސް އެކަން މަދު ނުވާތީ ލިންކު ރޯޑު ބަންދުކުރަން ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވަކި ގޮތެއް އަންގަން ދެން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ސިޓީގެ ލިންކު ރޯޑު ބަންދުކުރެވޭނެ ކަމަށެވެ.

އަދި ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނިކުތުމަކީ ވެސް މަނާ ކަމެއް ކަމުގައި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ބަންދުކޮށްފައިވާ ގަޑިތަކުގައި ލިންކު ރޯޑު ބޭނުން ކުރެވޭނީ، ހަމައެކަނި ފުލުހުންގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް މި އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މުޅިއެކު 491 މީހުން ރާއްޖެއިން ކޯވިޑަށް ޕޮސިޓިވް ވެފައިވާއިރު ގިނައިން ޕޮސިޓިވް ވެފައިވަނީ މާލޭގައި ދިރިއުޅޭ މީހުންނެވެ. އަތޮޅުތެރެއިން ވެސް ބައެއް ކޭސްތައް ފެނިފައިވާއިރު އަތޮޅު ތެރެއަށް ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން ވެސް މަނާކޮށްފައެވެ.