Last Updated: May 2, 12:12
Thursday, May 2, 2024
ދުނިޔެ

ކެޕްޓަން ޓޮމްއަށް 100 އަހަރު، ސިއްހީ ދާއިރާއަށް 32 މިލިއަން ޕައުންޑު ހޯދައިދީފި

ބުރާސްފަތި ދުވަހަކީ ދެވަނަ ބޮޑުހަނގުރާމައިގައި ބައިވެރިވި އިނގިރޭސިއެއް ކަމުގައިވާ ކެޕްޓަން ޓޮމް މޯރ ގެ 100 ވަނަ އުފަންދުވަހެވެ. އޭނާގެ އުފަންދުވަހުގެ މުނާސަބާގައި އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 140،000 އަށް ވުރެ ގިނަ އުފަންދުވަހުގެ ކާޑާއި ހަދިޔާ ލިބުނެވެ. އޭގެތެރޭގައި އިނގިރޭސި ރާނީ ކްއީން އެލިޒަބުގެ ކާޑާއި ބޮޑު ވަޒީރުގެ ކާޑުވެސް ހިމެނެއެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރަމުންދާ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާރވިސް (އެންއެޗްއެސް)ގެ މުއައްޒިފުންނަށް އެހީ ހޯދައިދޭން ކެޕްޓަން މޯރ ކުރި މަސައްކަތުން އެޕްރީލް މަހުވަނީ 32 މިލިއަނަށް ވުރެ ގިނަ ޕައުންޑް ހޯދައިދީފައެވެ. މިއީ ވަކި ފަރުދެއްގެ މަސައްކަތުން އެހީގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި އެއްކުރެވުނު އެންމެ ގިނަ އަދަދެއްގެ ފައިސާއެވެ. އެހެންވެ އޭނާގެ ނަން ވަނީ ވޯލްޑް ރެކޯޑު ފޮތުގައި ވެސް މިހާރު ހިމެނިފައެވެ. މިއީ އެތައް މިލިއަންބަޔަކަށް ގަބޫލުކުރަން ދަތި ވާހަކައަކަށްވިއެވެ. އެކަމަކު މަހެއްހާ ދުވަހުގެ މަސައްކަތުން ކެޕްޓަން މޯރ ވަނީ ދުނިޔެ ހައިރާންކޮށްލާފައެވެ.

ކެޕްޓަން ޓޮމް މޯރ ކުރި ތާރީހީ މަސައްކަތުގެ އިތުރަށް އޭނާގެ 100 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އޭނާއަށް ވަނީ އިނގިރޭސި ކުރިކެޓު ޓީމުގެ ޝަރަފުވެރި މެން ބަރުކަން ރަސްމީގޮތުން ދީފައެވެ. އަދި ޓެސްޓު ތޮފިވެސް ވަނީ އޭނާއަށް ހަދިޔާކޮށްފައެވެ. އޭނާއަކީ އިނގިރޭސި ގައުމީ ކުރިކެޓު ޓީމަށް ވަރަށް ބޮޑަށް ތަރުހީބުދޭ މީހެކެވެ.

ކެޕްޓަން މޯރގެ 100 ވަނަ އުފަންދުވަހުގެ މުނާސަބާގައި އޭނާއަށް ވަނީ އިނގިރޭސި ވިލާތުގެ އާރމީ ފައުންޑޭޝަން ކޮލެޖު ގެ "އޮނަރަރީ ކާނަލް" އެއްގެ ޝަރަފުވެސް ދީފައެވެ. ދިފާއީ ވުޒާރާއިން ބުނިގޮތުގައި އެޝަރަފު އޭނާއަށް ދިނީ އިނގިރޭސި ރާނީ ކްއީން އެލިޒަބަތުގެ އިޒުނަފުޅާއެއްކޮށްނެވެ.

ޓޮމް މޯރ ބޭނުންވީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާރވިސްއަށް ހަދިޔާކުރަން 1000 ޕައުންޑު ހޯދާށެވެ. އޭނާގެ ބަގީޗާގެތެރޭގައި ހިނގައި އޭނާ ކުރި މަސައްކަތުން 32 މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ ވަނީ ޖަމާކުރެވިފައެވެ.

ކެޕްޓަން ޓޮމްގެ 100 ވަނަ އުފަންދުވަހަށް މަރުހަބާއާއި ތަހުނިޔާ ކިއުމުގެ ގޮތުން އިނގިރޭސިވިލާތުގެ ދުވަސްވީ "އާސާރީ" ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވަނީ ޓޮމްގެ ގޭގެ ވަށައިގެން އުދުހުމުގެ ބުރެއް ބާއްވާފައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކެޕްޓަން ޓޮމް މޯރ އިންޑިއާއާއި ބަރުމާގައި މަސައްކަތްކުރިއެވެ. އޭނާއަކީ ސިވިލްއިންޖިނިއަރެކެވެ.

ޓޮމްގެ އަންހެނުން ވަނީ މަރުވެފައެވެ. އޭނާއާއެކު ދިރިއުޅެމުންދަނީ އޭނާގެ އަންހެން ދަރިފުޅާއި ދެ މާފަ ދަރީންނެވެ.
ޓޮމް ބުނި ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ފައިސާ އެއްކުރުމުގެ މަސައްކަތް އޭނާ ހުއްޓާލިޔަސް ފައިސާގެ އެހީވާން ބޭނުން ފަރާތްތަކުން އެންއެޗުސީގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ އޭނާގެ އެދުމެކެވެ.

"އަބަދުވެސް ހަނދާންކުރާތި!" ކެޕްޓަން ޓޮމް ބުންޏެވެ."މާދަމާ ރަނގަޅުދުވަހަކަށްވާނެ."

ކެޕްޓަން ޓޮމް މޯރ ބުނި ގޮތުގައި އޭނާއަށް އެހީތެރިވެވޭނަމަ މުޖުތަމިއުގައި އެހީތެރިކަމަށް ބޭނުން ވެފައިވާ މީސްމީހުންނަށް އެހީތެރިވުމުގައި އޭނާ ދެމިހުންނާނެއެވެ.

ޓޮމް މޯރ އަކީ ލާމަސީލު މިސާލެކެވެ. ދުނިޔެ މީގެ ކުރިން ނުދެކޭ ފަދަ ބަޠަލެކެވެ.