Last Updated: May 2, 06:02
Thursday, May 2, 2024
ދުނިޔެ

ޑޮޮކްޓަރުން ތިބީ އަޅުގަނޑުގެ މަރު އިއުލާނުކުރަން ތައްޔާރަށް: ބޮރިސް

ކޮރޯނާވައިރަހުގައި އަޅުގަނޑު މަރުވިނަމަ އެކަން އިއުލާނުކުރެއްވުމަށް ޑޮކްޓަރުން ތިއްބެވީ ރާއްވަވައި ތައްޔާރަށްކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

"އެއީ ވަރަށް ހިތްދަތި ހިނދުކޮޅެއް. އެކަމާބެހޭ ވާހަކަދައްކާކަށް ނެތިން" ބޮޑުވަޒީރު ޖޯންސަން ވިދާޅުވިއެވެ.

"ރަޝިޔާގެ ކުރީގެ ލީޑަރ ސްޓަރލިން ފަދައިން އަޅުގަނޑުވެސް ހަމަކުއްލިއަކަށް މަރުވިނަމަ ކަންތައް ކުރާނެ ގޮތް އެނގިލައްވާނީ އަޅުގަނޑަށް ފަރުވާކުރެއްވި ޑޮކްޓަރުންނަށް."

ބޮޑުވަޒީރު އިތުރަށް ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ޙާލު ރަނގަޅެއްނޫން. އެންމެ ނުރައްކާތެރި ހާލަތަށް ތައްޔާރުވެގެން ޑޮކްޓަރުން ތިއްބެވީ. ހާލަތު އިތުރަށް ގޯސްވިނަމަ އަޅާނެ ފިޔަވަޅުތަކަށް ވެސް ޑޮކްޓަރުން ތިއްބެވީ ތައްޔާރަށް."

ބޮޑުވަޒީރު ޖޯންސަން ވިދާޅުވި ގޮތުގައި އަވަހާރަވަނީކަމަށް އެއްއިރަކުވެސް އޭނާ ވިސްނާވަޑައެއް ނުގަންނަވައެވެ. އެކަމަކު ޙާލު ރަނގަޅު ވަމުން ނުދާތީ އެކަމާ މާޔޫސްވެވަޑައިގެންނެވިކަމުގައި ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އޭނާއަށް ލިބިވަޑައިގެންނެވި ތަޖުރިބާއިން ބައްޔާއި ހަނގުރާމަކުރައްވަނެ ގޮތާއި ގައުމު އާދައިގެ ހާލަތަކަށް ގެންނަވާނޭ ގޮތުގެ އަޒުމު ވަރުގަދަވިއެވެ.

ޑޮކްޓަރުން އޭނާއަށް ފަރުވާ ދެއްވިގޮތާއި އޭނާގެ ހާލުކޮޅުރަނގަޅުވި ގޮތުގެ ވާހަކަ ޖޯންސަން ދައްކަވަމުން ގެންދެވީ ވަރަށް އަސަރާއެކުގައެވެ.

"އަޅުގަނޑަށް ފަރުވާދެއްވި ޑޮކްޓަރުން ވިސްނަވާހެއްދެވި އަޅުގަނޑު ވެންޓިލޭޓަރަށް ލާނީތޯ ނުވަތަ ހޮޅިގުޅާފައި ބާއްވާނީތޯވެސް." އޭނާ ވިދާޅުވިއެވެ.

ބޮރިސް ޖޯންސަންއަށް ކޮރޯނާވައިރަސް ޖެހިވަޑައިގަތުމުން ވެސް އޭނާ އެކަން ސީރިއަސްކޮށް ނުނެންގެވިއެވެ. ސިއްހީހާލަތު ރަނގަޅުނޫންކަން އެނގިވަޑައިގެން ހުންނަވައިގެން ވެސް އޭނާ ބޭނުން ފުޅުވީ ރަސްމީ މަސައްކަތް ހުއްޓަވާނުލައްވައި މަސައްކަތާއިގެން ކުރިއަށް ވަޑައި ގަންނަވާށެވެ.

"ފުރަތަމަކޮޅު އަޅުގަނޑު ހޮސްޕިޓަލަށް ދާން ބޭނުމެއްނުވި." އޭނާ ވިދާޅުވިއެވެ. "އޮކްސިޖަންގެ ލެވެލް ދަށަށްދާން ފެށުމުން ހޮސްޕިޓަލަށްދާން ޑޮކްޓަރ ބާރުއެޅުއްވި."

ހޮސްޕިޓަލަށް ދާން ޑޮކްޓަރ ދެއްވި މަޝްވަރާ ރަނގަޅުކަން މިހާރު ވިސްނިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުފުޅުން 55 އަހަރުފުޅުވީ ބޮރިސް ޖޯންސަންއަށް ކޮރޯނާވައިރަސްގެ އިހުސާސް ފުރަތަމަ ކުރެއްވުނީ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. ހޮސްޕިޓަލަށް އޭނާ ވަޑައިގެންނެވީ އޭޕްރީލް 5 ގައެވެ. ހޮސްޕިޓަލަށް ވަޑައިގެންނެވިތާ 24 ގަޑިއިރުގެތެރޭގައި ހާލަތު ގޯސްކަމުން އައިސީޔޫއަށް ބަދަލުކުރެވުނެވެ. އޭނާ ތިންދުވަސް ވާނދެން އޮކްސިޖަނާ ގުޅާފައި ބޭއްވިއެވެ.

ބޮޑުވަޒީރު ހޮސްޕިޓަލުން ގެއަށް ވަޑައިގަތީ 12 އޭޕްރީލްގައެވެ.

ބޮރިސް ޖޯންސަށް ކޮރޯނާވައިރަސް ޖެހިވަޑައިގަތުމުގެ ހާދިސާއިން ހާމަވެގެންދިޔައީ އަވަސް ފަރުވާނުހޯދައި ފަރުވާ ކުޑަކުރުމުން ފުރާނައަށް ނުރައްކާވެދާނެކަމެވެ.

ބޮރިސް ޖޯންސަން ހޮސްޕިޓަލްގައި އޮންނެވި ދުވަސްކޮޅު އަވަހާރވީ ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. އޭނާ ސަލާމަތްވެވަޑައިގަތީ މަރުގެ ތުންފަތްމަތީންނެވެ.

ބޮރިސް ޖޯންސަން މިހާރު އޮފީހަށް ނިކުންނަވަން ފަށްޓަވައިފިއެވެ.

އާދީއްތަދުވަހުގެ ހަވީރުގެ ރިޕޯޓުތަކަށް ބަލާއިރު އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން 28100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އަދި 183500 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ބޮރިން ޖޯންސަންއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދައިން ކޮރޯނާވައިރަސް ފެތުރެން ފެށުމުން "މޮޔަ ފިޔަވަޅުތަކެއް" އެޅުއްވި ބޭފުޅެކެވެ.