Last Updated: May 20, 06:07
Monday, May 20, 2024
ވިޔަފާރި

"ގަމުން ކޮލޮމްބޯ އަށް ބުދަ ދުވަހު އުނދުހޭނަން"

ސ. ގަމާއި ސްރީ ލަންކާގެ ކޮލޮމްބޯ އާ ދެމެދު އަންނަ ބުދަ ދުވަހު ރަސްމީކޮށް ދަތުރުތައް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެ ނިމިފައިވާ ކަމަށާއި ދަތުރުތަކަށް ބޮޑު ތަރުހީބެއް ވެސް ލިބެމުން އަންނަ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ގަމުން ކޮލޮމްބޯ އަށް ބުދަ ދުވަހު ދަތުރުތައް ފަށާ އިރު، އައްޑޫގެ އިތުރުން ދެކުނުގެ އަނެއް ތިން އަތޮޅު ކަމަށްވާ ގދ އާއި ގއ އަދި ފުވައްމުލަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އެ ތިން އަތޮޅު ވެސް ހިމެނޭ ގޮތަށް ގަމުން ލަންކާ އަށް ދަތުރުތައް ކުރާ އިރު ގަމާއި ކޮލަމްބޯ އާ ދެމެދު ދެކޮޅު ޓިކެޓެއް ވިއްކަނީ 269 ޑޮލަރު (4،147.98ރ) އަށެވެ.

ފުވައްމުލަކުން ޓިކެޓް ނަގައިގެން ދަތުރު ކުރާ ނަމަ ކޮލަމްބޯ ދަތުރުގެ ދެކޮޅު ޓިކެޓްގެ އަގު 295 ޑޮލަރު (4،548.9ރ.) އަށް އުޅޭ އިރު ކާޑެއްދު އާއި ކޫއްޑޫ މެދުވެރިކޮށް ކޮލޮމްބޯ އަށް ދަތުރުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 299 ޑޮލަރު (4،610.58ރ.) އަށެވެ.

ހާރިސް ވިދާޅުވީ ފުވައްމުލަކަށް ޓިކެޓް ވިއްކަނީ މޯލްޑިވިއަންގެ ފެރީ ދަތުރުގެ އަގު ވެސް ޓިކެޓްގައި ހިމަނައިގެން ކަމަށެވެ. އެގޮތުން ފުވައްމުލަކުން ކޮލޮމްބޯ އަށް ދާން، ގަމަށް އަންނަ މީހުންނަށް މޯލްޑިވިއަނުން ދެކޮޅު ފެރީ ދަތުރު ވަނީ ހަމަޖައްސާފަ އެވެ.

އޭނާ ވިދާޅުވީ ގަމުން ލަންކާ އަށް ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން ލަންކާގައި އެޖެންޓުން ހަމަޖައްސައި ޓިކެޓް ވިއްކަމުން އަންނަ އިރު، ކާގޯ ފެސިލިޓީ އާއި އައްޑޫން ވީހާވެސް އަވަހަކަށް ޕާސްޕޯޓް ހެދޭނެ ގޮތެއް ހޯދަން އިމިގްރާޝަނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ހާރިސް ވިދާޅުވި އެވެ.

ގަމާއި ކޮލޮމްބޯ އާ ދެމެދު ބުދަ ދުވަހު ދަތުރުތައް ފެށުމަށް ފަހު، ކޮންމެ ހަފުތާއެއްގެ ހުކުރާއި ހޯމަ ދުވަހު ދަތުރުތައް ބާއްވާނެ އެވެ.

ހާރިސް ވިދާޅުވީ ބުދަ ދުވަހު ރަސްމީކޮށް ދަތުރު ފެށުމުގެ ގޮތުން ގަމުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.