Last Updated: May 2, 09:27
Thursday, May 2, 2024
ދުނިޔެ

ސަޢުދީ ޢަރަބިއްޔާގައި ގަވައިދާ ޚިލާފަށް އުޅުނު 1500 މީހުން ބަންދުކޮށްފި

ސަޢުދީ ޢަރަބިއްޔާގައި އުޅޭ އެތައް ލައްކަ ބިދޭސީންގެ ތެރެއިން ގަވައިދާ ޚިލާފު ޢަމަލުތަކެއް ހިން ގި 1500 ބިދޭސީ މަސައްކަތު މީހުން ބަންދުކޮށްފިއެވެ.

ސަރަހައްދީ ސަލާމަތާއި ގާނޫނާ ޚިލާފުވި 1500 މީހުން ހައްޔަރުކުރީ ރިޔާޒުންނެވެ.

ސަޢުދީ މީޑިއާއިން ހާމަކުރި ގޮތުގައި ގާނޫނާއި ގަވައިދާ ޚިލާފުވާ މީހުންނާ ދެކޮޅަށް ފުލުހުން ގެންދަނީ ޚާއްޞަ މަޝްރޫޢެއް ހިންގަމުންނެވެ.

ރިޔާޟް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ހައްޔަރުކުރެވުނު މަސައްކަތު މީހުންނަކީ މާޗުމަހުގެ 8 ވަނަ ދުވަހުން ފެށިގެން މޭމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ހިންގި މަޝްރޫޢެއްގެ ދަށުން ބަންދު ކުރެވުނު މީހުންނެވެ.

ފުލުހުންގެ ތަރުޖަމާނު ކާނަލް ޝާކިރުއަލް ތަވީޖުރީ ވިދާޅުވި ގޮތުގައި ބަންދުކުރެވުނީ ތަފާތު ގައުމުތަކުން ސަޢުދީ ޢަރަބިއްޔާއަށް ވަޒީފާ އަދާކުރަން އައިސް ތިބި މީހުންނެވެ. ހައްޔަރު ކުރި ގިނަ މީހުން ތިބީ ހޮހޮޅަތަކާއި ފަރުބަދަ މަތީގެ ސަރަހައްދުތަކުގައެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ސަޢުދީ ޢަރަބިއްޔާގެ އެކިސަރަހައްދުތަކުގައި ޚާއްޞަކޮށް ރިޔާޒުގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ފަހަތުން ދުވެ އެމީހުން ހައްޔަރުކުރުމަށް ފުލުހުންދަނީ ބުރަމަސައްކަތްތަކެއް ކުރަމުންނެވެ.
ސަޢުދީ ޢަރަބިއްޔާއަކީ ބިދޭސި މަސައްކަތު މީހުންނާ މެދު ވަރަށް އަނިޔާވެރިކޮށް ކަންތައް ކުރާ ގައުމެކެވެ.