Last Updated: May 2, 12:12
Thursday, May 2, 2024
ދުނިޔެ

ކޮވިޑް-19: ރާމާމަކުނަށް ދިން ވެކްސިންގެ ނަތީޖާ ރަނގަޅު

ޗައިނާގައި ބޭސް އުފައްދާ ކުންފުންޏަކުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އުފެއްދި ވެކްސިނެއް ރާމާމަކުނަށް ޖެހުމުން އޭގެ ނަތީޖާ ވަރަށް ރަނގަޅުކަން ސާބިތުވެއްޖެއެވެ.

އެ ކުންފުނިން ބުނިގޮތުގައި ފުރަތަމަ ވެކްސިން ދިނީ ދެ ރާމާމަކުނަކަށެވެ. ދެން އެ ދެ ރާމާމަކުނުގެ ގަޔަށް ކޮރޯނާވައިރަސް ފޮނުވާލީއެވެ. އެކަމަކު ދެ މަކުނުން ކުރެ މަކުނަކުން ކޮރޯނާވައިރަހުގެ އަސަރެއް ނުފެނުނެވެ.

ކުންފުނިން ހާމަކުރި ގޮތުގައި ވެކްސިން ނުދޭ ރާމާމަކުނުތަކަކަށް ކޮރޯނާވައިރަސް ފޮނުވާލުމުން އެ ރާމާމަކުނުތަކަށް ކޮރޮނާވައިރަސް ޖެހުނެވެ. އަދި ބައެއް މަކުނުތައް މަރުވެސް ވިއެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ސައިންސްވެރިންތަކެއް ވަނީ މީދަލަށް ކޮރޯނާ ވެކްސިން ދިގެން ތަޖުރިބާ ކުރުމުގެ މަސައްކަތްކޮށްފައެވެ. އަދި އިންސާނުންނަށް ކޮރޯނާ ވެކްސިން ދިނުމުގެ ތަޖުރިބާ ވެސް ކޮށްފައެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ދަނީ ކޮރޯނާވައިރަހަށް ބޭނުން ކުރާނެ ވެކްސިން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު އަދި މިހާތަނަށް އިތުބާރު ހުރި ނަތީޖާއެއް ނުފެނެއެވެ.

ޗައިނާގެ ކުންފުނިން އުފެއްދި ވެކްސިން އިންސާނުންނަށް ޖަހައި ތަޖުރިބާކޮށް އެއީ އިތުބާރު ހުރި އެއްޗެއް ކަމުގައިވާނަމަ ބާޒާރަށް ނެރެން އަދި އެތައް މަހެއް ހޭދަވެގެން ހިނގައިދާނެއެވެ.