ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ސާފުކޮށް ފެހި ކެހުމުގެ މަސައްކަތް މިރޭ ދިވެހި ސިފައިން ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެސްޓިއޯ އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ އަފީފްގެ ހިއްސާވާ ކާސާ ހޯލްޑިން އިން ހިންގާ އައްޑޫ އިންޓަނޭޝަން އެއާޕޯޓްގެ ރަންވޭ ސާފުކުރުމުގެ މަސައްކަތް ސިފައިން ފެށީ މި ރެ އެވެ. އަދި މި މަސައްކަތުގައި ސިފައިންނާއި އެކު އެއާޕޯޓްސް ކޮމްޕެނީގެ ބައެއް މުވައްޒަފުން ހަރަކާތްތެރިވަމުން އެބަ ދެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަންވޭ ސާފު ކުރުމަށް ސަދަން ކޮމާންޑްގައި ތިބި ސިފައިންނާއި ކޯސްޓްގާޑްގެ ސިފައިން ނެރެފައި ވަނީ ދާދި ފަހުން ގަމަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓެއް ރަންވޭ ކައްސާލުމާ ގުޅިގެން ބޯޓު ކައްސާލާފައިވަނީ ރަންވޭގައި ފެހި ޖަހައި ސާފު ނުވެ އޮތުމުން ކަމަށް ބުނެ މައްސަލަ ޖެއްސުމާއި ގުޅިގެންނެވެ.
ނަމަަވެސް ސިވިލް އޭވިއޭވިއޭޝަނުން ބެލި ބެލުމުގައި ބޯޓު ރަންވޭ އިން ކައްސާލާފައި ވަނީ ޕައިލެޓްގެ އިހްމާލުން ކަމަށްވެ އެވެ.
2011 ނޮވެމްބަރު 11 ގައި އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ހިތަދޫ އާރްއޭފްގެ ޗަސް ބިމެއް ހިއްކައިގެން އިމާރާތް ކުރި ކޮންވެންޝަން ސެންޓަރުގެ ގިނަ މަސައްކަތް ކުރީވެސް ސިފައިންނެވެ.
ގައުމީ މަސައްކަތެއްގެ ގޮތުގައި ސިފައިން ރޭއާއި ދުވާލު ވިއްސާރަ އާއި ގަދަ އަވީގައި ވަރުބަލި ކަމެއް ނެތި ކުރި މަސައްކަތުގެ ހަގީގީ ފައިދާ ނެގީ ވަކި ބަޔެއްކަން ދާދި ފަހުން ނެރުނު ސަމިޓްގެ އޮޑިޓް ރިޕޯޓުން ވަނީ ފަޅާ އަރާފަ އެވެ.
ސާކް ސަމިޓް ދުވަސްވަރު ސިފައިންނާއި ފުލުހުން ކުރި މަަސައްކަތަށް ބިލް ހަދައި 5 މިލިއަނަށް ވުރެ ގިނަ ފައިސާ ވަނީ ދެ ކުންފުންޏަކުން ނަގާފަ އެވެ.
މިކަމާއި ގުޅޭ ގޮތުން ސިފައިންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އަދި އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެކަން ޖެހޭނީ ސަދަން ކޮމާންޑަށް ގުޅައި އޮޅުން ފިލުވަން ކަމަށެވެ.
އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ދުބާއީގެ ގަލްފު ކޮބްލާ އާއި ވަނީ ހަވާލުކޮށްފައެވެ. އަދި ރަސްމީކޮށް ރަންވޭ ދިގުކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ ޖޫން 9 ވަނަ ދުވަހު އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.