Last Updated: May 2, 12:12
Thursday, May 2, 2024
ދުނިޔެ

ބޭރު ގައުމުތަކުގައި ތިބި އިންޑިއާގެ އެއް ލައްކަ މީހުން ގައުމަށް ގެންދަނީ

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އެކިގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާގެ އެއް ލައްކަ މީހުން ގައުމަށް ގެންދިއުމުގެ ބޮޑު މަޝްރޫޢެއް ފަށަން އިންޑިއާއިން ކަނޑައަޅައިފިއެވެ.

އެ މީހުން އިންޑިއާއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ކޮމާޝަލް ފްލައިޓްތަކާއި ސިފައިންގެ އުދުހޭބޯޓުތަކާއި މަނަވަރުފަހަރުގައެވެ.

މިއީ ހަނގުރާމަވެރި ނޫން ދުވަސްވަރެއްގައި އެހެން ގައުމުތަކުގައި ތިބި ބަޔަކު ގައުމަށް ގެނައުމަށް ދުނިޔޭގައި ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި ގައުމަށް ގެންދަން ރާވާފައިވާ އެއް ލައްކަ މީހުންނަކީ ފުރަތަމަ މަރުހަލާގައި ގެންނަން ރާވާފައިވާ އަދަދެވެ.

އީރާނު އިރާގު ހަނގުރާމައިގެ ދުވަސްވަރު، 1990ގައި ކުވޭތުން އިންޑިއާގެ 170000 މީހުން ގައުމަށް ގެންދިޔައެވެ.
ރިޕޯޓުތަކުން އެނގޭ ގޮތުގައި ގަލްފުގެ ގައުމުތަކުން ފެށިގެން ޔޫރަޕާއި އެމެރިކާގައި އެތައްލައްކައިން ގުނޭ މިންވަރަށް ގައުމަށް ދާން ބޭނުންވެފައި ތިބި އިންޑިޔާގެ ރައްޔިތުން ތާށިވެ ދަތުރުނުކުރެވި އެބަތިއްބެވެ. އެ އެންމެންހެން އެނބުރި ގައުމަށްދާން ބޭނުމެވެ. މާޗު 25 ވަނަ ދުވަހުން ފެށިގެން އިންޑިއާ އޮތީ ފުރަބަންދުކޮށްފައެވެ. ގައުމުން ބޭރަކަށް ނުދެވެއެވެ. ބޭރު ގައުމަކުން އިންޑިއާއަކަށް ނުދެވެއެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ޖެހިފައި ތިބި މީހުންގެ އަދަދު 46000 އަށްވުރެ ގިނައެވެ. ބަލީގައި 1600 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ހުއްޓުމެއްނެތި ދަނީ އިތުރުވަމުންނެވެ.

ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި ގަލްފުންނާއި ދިވެހިރާއްޖެއިން މީހުން ގެންދާ މަނަވަރު ރާއްޖެއަށާއި ގަލްފަށް ވަނީ ފުރާފައެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ 30 އުދުހޭ ބޯޓުން ވެސް މީހުން ގައުމަށް ގެންނަން ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރަށް ބޮއިން 777 އަދި 787 ޑްރީމްލައިނަރ އިން އިނގިރޭސިވިލާތުގައި ތިބި މީހުން ގެންނަން ވެސް ވަނީ ރާވާފައެވެ.

ޚަބަރުލިބިފައިވާ ގޮތުގައި އެކިގައުމުތަކުން ގެންނަ މީހުން ހޯދާ ޚިދުމަތުގެ އަގުއަދާކުރަންޖެހޭނެއެވެ. އަދި ފުރުމުގެ ކުރިން އެންމެން ވެސް ބައްޔަށް ސްކްރީން ކުރެވޭނެއެވެ. އިންޑިއާއަށް ދެވުމުން އެންމެން ވެސް 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހޭނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހުރިހާ އެންމެން ވެސް ކޮރޯނާވައިރަހަށް ޓެސްޓުކުރެވޭނެއެވެ.

ފުރާނެ ތާރީޚުތައް އަދި އާންމުކޮށްފައި ނެތަސް އިންޑިއާ ސަރުކާރުން ބޭނުން ވަނީ ވީހާއަވަހަކަށް ގައުމަށް އެނބުރި ދާން ބޭނުންވާ މީހުން ގައުމަށް ގެންނާށެވެ.