އަންނަ ބުދަ ދުވަހު ގަމުން ކޮލަމްބޯއަށް ދަތުރު ފެށުމަށް ތައްޔާރުވެފައިވާ އިރު، ސްރީލަންކަން އެއާލައިން އާއި އިންޓަލިން ހަދައި ގަމުން ރާއްޖޭން ބޭރުގެ އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް ގައުމީ އެއާަލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ މި ސަރަހައްދުގެ އެހެން ގައުމުތަކާއި ސ. ގަމާ ދޭތެރޭ ސީދާ ދަތުރުތައް ކުރެވޭނެ އިންތިޒާމްތަކެއް ހަމަޖައްސުމުގެ މަަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
އަދި ކޮލޮމްބޯ އަށް ގަމުން ދަތުރުތައް ފެށުމަށް ފަހު، މޯލްޑިވިއަނުން ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަން ކުރާނެ ކަމަށެވެ.
ހާރިސް ވިދާޅުވީ ސްރީލަންކަން އާއި އިންޓަލިން ހަދައިގެން މެލޭޝިއާ، ސިންގަޕޯ އަދި ތައިލެންޑް ފަދަ ގައުމުތަކުން ގަމަށް ދަތުރު ކުރެވޭނެ ގޮތް ބަލަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަން އިން ވަނީ ގއ، ގަދ އަދި ފުވައްމުލަކުން ކޮލަމްބޯއަށް ދަތުރު ކުރެވޭނެ އަގު ހަމަޖައްސައި އަގު އިއްލާން ކޮށްފައެވެ.
ދެކުނުގެ ތިން އަތޮޅު ހިމެނޭ ގޮތަށް ގަމުން ލަންކާ އަށް ދަތުރުތައް ފަށާ އިރު ގަމާއި ކޮލަމްބޯ އާ ދެމެދު ދެކޮޅު ޓިކެޓެއް ވިއްކަނީ 269 ޑޮލަރު (4،147.98ރ) އަށެވެ.
ފުވައްމުލަކުން ޓިކެޓް ނަގައިގެން ދަތުރު ކުރާ ނަމަ ކޮލަމްބޯ ދަތުރުގެ ދެކޮޅު ޓިކެޓްގެ އަގު 295 ޑޮލަރު (4،548.9ރ.) އަށް އުޅޭ އިރު ކާޑެއްދު އާއި ކޫއްޑޫ މެދުވެރިކޮށް ކޮލޮމްބޯ އަށް ދަތުރުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 299 ޑޮލަރު (4،610.58ރ.) އަށެވެ.