Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

ކޮރޯނާވައިރަސް: އެމެރިކާއަށް ކުރިމަތިވި އެންމެ ބޮޑު މުސީބާތް

ސެޕްޓެމްބަރ 11 ގެ ހަމަލާއާއި ދެވަނަ ބޮޑުހަނގުރާމާއިގައި ޕާލް ހާބަރަށް ޖަޕާނުންދިން ވަރުގަދަ ހަމަލާއިން ލިބުނު ގެއްލުމަށްވުރެ ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާއަށް ލިބުނު ގެއްލުން އެތައްގުނައަކަށް ބޮޑުކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓު ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތު ޕާލްހާބަރ ހަމަލާއަށްވުރެ އެތައް ގުނައެއް ގެއްލުން ބޮޑުކަމަށެވެ. އަދި ވޯލްޑް ޓްރޭޑް ސެންޓަރއަށް ދިން ހަމަލާއަށް ވުރެވެސް އެތައް ގުނައެއް ގެއްލުން ބޮޑުކަމަށެވެ.

"މިކަހަލަ ހަމަލާއެއް މީގެ ކުރީން ދެވިފައެއްނެތް. މިއީ އެއްގޮތަކަށްވެސް ވާންވީ ގޮތެއްނޫން." އޭނާ ވިދާޅުވިއެވެ. "ޗައިނާއިން މި ވައިރަސް ހުއްޓުވަންޖެހޭ. އެކަމަކު އެކަން އެހެންނެއް ނުވި."

އެމެރިކާ ސަރުކާރުން ޚާއްޞަކޮށް ރައީސް ޓްރަމްޕް ގެންދަވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގެއްލުން ބޮޑު ވަބާއަކީ ޗައިނާގެ އުފެއްދުމެއްކަމަށް ވިދާޅުވެ ޗައިނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވަމުންނެވެ. އެކަމަކު އެފަދަ ހެއްކެއް ފެންނަން ނެތްކަމަށް އެމެރިކާގެ ތަޖުރިބާކާރުންނާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެތައް ފަހަރަކު ވަނީ ބުނެފައެވެ. ޗައިނާއިން ބުނަނީ އެމެރިކާގެ ވެރިން އިތުރުފުޅުހައްދަވަނީކަމަށެވެ. އެބޭފުޅުންގެ ނުކުޅެދުންތެރިކަން ހާމަވާތީ އެކަން އެހެންދިމާއަކަށް އަނބުރާލައްވަން މަސައްކަތް ކުރައްވަމުން ގެންދަވަނީކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގައުމުގެ އިގުތިސާދަށް ލިބެމުންދާ ގެއްލުމާމެދު ރައީސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އެކަމުގެ ސަބަބުން ރައީސް ޓްރަމްޕަށް ޒާތީ ވަރަށްބޮޑު ގެއްލުމަކާ ވަނީ ކުރިކަތިވެވަޑައިގެންފައެވެ.

އެމެރިކާއަށް ކޮރޯނާވައިރަސް ފެތުރުމުގެ ކުރިން ގައުމުގެ އިގުތިސާދީ ހާލަތު އޮތް ގޮތުން ނޮވެމްބަރމަހުގެ އިންތިޚާބު ޓްރަމްޕަށް ކާމިޔާބުވެވަޑައިގެން ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނޭ ކަމުގެ ޔަގީންކަން ކުރީން ވަރަށް ބޮޑެވެ. އެކަމަކު އެތައްލައްކަ ބައެއްގެ ވަޒީފާ ގެއްލި ގައުމު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައި އޮތުމުން ޓްރަމްޕްގެ އުއްމީދުތައް ވަނީ ނުރައްކާތެރި ފައްތަރެއްގައެވެ.

އަންގާރަދުވަހު ވައިޓުހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ގައުމު ދިގުމުއްދަތަކަށް ފުރަބަންދުކޮށްފައި ނުބޭއްވޭނެކަމަށާއި ސަރުކާރުން އިސްކަން ދޭނީ އިގުތިސާދު ހުޅުވާލަންކަމަށެވެ.
އެމެރިކާގެ ފިހާރަތަކާއި އިގުތިސާދު ހުޅުވާލުމުން ސިއްހީ ގޮތުން ބަޔަކަށް ގެއްލުން ލިބުނަސް އިގުތިސާދީ ގޮތުން ގައުމަށް ނަފާ ހޯއްދަވައިދެއްވަން ޓްރަމްޕް ބޭނުންފުޅުވެއެވެ. ނަމަވެސް ޓްރަމްޕްގެ އެ ސިޔާސަތާ އެމެރިކާގެ ވަރަށް ގިނަ ރައްޔިތުންނާއި ސްޓޭޓްތަކުގެ ވެރިން ކަނޑައެޅިގެން ދެކޮޅެވެ.

ހުކުރުދުވަހުގެ ހަވީރުގެ ރިޕޯޓުތަކަށް ބަލާއިރު ކޮރޯނާވައިރަސް ޖެހިގެން އެމެރިކާއިން 75670 މީހުން މަރުވެފައިވާއިރު ވައިރަސްޖެހިފައިވާ 1256972 މީހުން އެގައުމުގައި އެބަތިއްބެވެ.