Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

"ރަންވޭގެ ފެހި ކަހަނީ އޭއައިއޭ އިން އެދިގެން"

ފްލައި މީގެ ބޯޓެއް ގަމުގައި: ރަންވޭގެ ފެހި ކެހުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުން. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަން އެއާޕޯޓްގެ ރަންވޭގައި ޖަހާފައި ހުރި ފެހި ކެހުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރަނީ އެކަމަށް، ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން އެދިގެން ކަމަށް އެމްއެންްޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކާނަލް އަބްދުއްރަހީމް ވިދާޅުވީ "ފެހި ކެހުމުގައި ސިފައިން އެހީތެރި ވަނީ އެއާޕޯޓް ކޮމްޕެނީން އެދިގެން" ކަމަށެވެ.

އޭނާ ވިދާޅުވީ ރަންވޭގެ އެކި ދިމަދިމާލުގައި ވަރަށް ބޮޑަށް ފެހި ޖަހާފައި އޮތުމުން އެއީ، ފްލައިޓަކަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމެއް ކަމަަށެވެ.

އެހެންވެ މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ވެސް ގުޅިފައި އޮތް ކަމަކަށްވާތީ، ސިފައިން ފެހި ކެހުމުގައި އެހީތެރިވެ ދެނީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމުގައި ސިފައިން އަބަދުވެސް އެހީތެރި ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެހެން ނަމަވެސް އެ އެއާޕޯގެ އޭވިއޭ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ލައްވައި މިފަދަ މަސައްކަތެއް އޭއައިއޭ އިން ކުރުވާތީ، ގިނަ ބައެއްގެ ފާޑު ކިއުންތައް އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.

އަދި 2011 ވަނަ އަހަރުގެ ސާކް ސަމިޓާ ވެސް ދިމާކޮށް ސިފައިންނާއި ފުލުހުން ލައްވައި، ބޮޑެތި ބުރަ މަސައްކަތްތަކެއް ކުރުވުމަށް ފަހު، އެކަމުގެ ފައިދާ އެހެން ބަޔަކު ނަގާފައި ވާތީ މިކަމުގެ އުދާސްތަކެއް ވެސް ވަނީ އުފެދިފަ އެވެ.

އޭއައިއޭގެ އޮފިޝަލަކު ވިދާޅުވީ ސިފައިން ރަންވޭގެ ފެހި ކެހުމުގައި އެހީތެރިވެ ދެނީ އަންނަ ބުދަ ދުވަހު ގަމުން ސްރީ ލަންކާ އަށް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތުގައި ސިފައިންނާ އެކު އެއާޕޯޓްގެ މުވައްޒަފުން ވެސް ހަރަކާތްތެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.