Last Updated: May 8, 20:00
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 4، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ބައްޕާ އަޅުގަނޑު ބޭނުން ވަނީ އަމިއްލަ ބިޒްނަސްއެއް ފަށަން. ބައްޕަ ތި ކުރައްވާ މަސައްކަތް މާ ބޯރިން." އުނައިސް ކޮފީ ތަށި ނަގަމުން ބުނެލި އެވެ.

"ދަރިފުޅާ ބިޒްނަސް ކުރެވެނީ އެކްސްޕީރިޔަންސް ވެސް ލިބިގެން، އެކަމުގެ ހުނަރު ހުރެގެން. އަދި ކިރިޔާ ދިރިއުޅުމުގެ ފުރަތަމަ ހަރުފަތުގަ ތިހިރީ."

"ބައްޕާ އަޅުގަނޑު ފަށަން އުޅޭ ކަމަށް ބޭނުން ވާނީ ފައިސާކޮޅަކާ ހައެއްކަ ކޮމްޕިޔުޓަރު. އަޅުގަނޑު ޝައުގުވެރި ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ އަށް. އެއަކަށް އެކްސްޕީރިއަންސްއެއް ބޭނުމެއް ނުވާނެ. ބެނުންވާނީ ތައުލީމު. ތައުލީމީ ދެ ތިން މުވައްޒަފުން ތިބިއްޔާ މި ހަމަ އެއް ވަނަ."

"ހޫން ދެން މީ ފަހު ޒަމާން މަގޭ އިއުތިރާޒެއް ނެތް. އެކަމަކު ކަމެއްގަ ޕްލޮޕް ނުވާތި. އެއީ ބައްޕަ ބުނާނެ ވާހަކައަކީ." ސައި ތަށިން ކޯވަރެއް ބޯލަމުން ޔޫނުސް ބުނެލި އެވެ.

"ދޮންބެ ބިޒްނަސް ވެސް ކޮންމެ ކަމެއްވެސް ކުރެވޭނީ މީހުންނާ ރީތިކޮށް ވާހަކަ ދައްކައިގެން. އަޅުގަނޑުގެ ކައިވެނީގެ ކުރީ ދުވަހު ހީނާ މި ގެއަށް އައިމަ އެ ފަކީރު ލަދު ގަންނަވާ ދޮންބެ އެ ފަކީރު ރޮއްވަލީ. އޭނާ ޕާޓިީ އަށް ވެސް ނައި. ފޯނުން މުބާރަކް ބާދު ދިނީ. ދޯ ސަލީމް" ނީލާ ބުންޏެވެ.

"އެއީ ތެދެއް. ބައްޕާ އަޅުގަނޑު ވެސް ހުރިން ތި ބުނި ދުވަހު. ހީނާ ހުއްޓުވާލެވުނީ މާތްކަލާނކޯ ހާދަ ވަރަކުންނޭ." އައިޝާ އައިސް އެމީ ހުންނާ ބައިވެރިވަމުން ބުންޏެވެ.

"މުސީބާތުގެ މާމަ އައީ. ދެން އަނގަ ތަޅުވާ ވަރުން ހީވާނީ ބޮލި ރަވައެއްހެން." އުނައިސް ފާޑަކަށް ފޫހިވެފައި ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

"ބައްޕާ ދޮންބެ ހީނާ އާ ދިމާކުރީ. އަދި ރޮއްވާލީ ދޮންތަ ކައިވެނީގެ ދުވަހަށް ހަދިޔާ ހިފައިގެން އައިމަ އަދި…"

"އެއީ ތެދެއްތަ ދަރިފުޅު އެހެން ހެދިން؟" ޔޫނުސް ހައިރާންކަން އެކުލެވިގެންވާ އަޑަކުން ސުވާލް ކުރި އެވެ.

"އަދި ދޮންބެ ބުނި ހީނާ އަށް ހެދުން އަޅަން ވެސް ނޭނގެޔޯ. މޭކަޕް ވެސް ހަޑިޔޯ ދެން ކިހާ ދެރަވަނެ."

"އަސްލު އަޅުގަނޑު ބޭނުންވީ އޭނާ ރަނގަޅު ކުރަން. ހަމަ އެކަނި ނަން އަހާލީމާ އޭނާ މާ ބޮޑާވީ."

"އެހެން ނޫނަސް ދަރިފުޅު އަންހެން ކުދިންގެ ކަންތަކުގަ އާވާނެކަން ބައްޕައަށް އެނގޭ. އަސްލު އަންހެންވެރިން ބޭނުން ވާނީ އެހެން މީހުންގެ ދުލުން ހުސް ތައުރީފް. އެއީ ދޮގު ހަދައިގެން ވިޔަސް ވަރިހަމަ. ނެގަޓިވް ކޮމެންޓްތަކެއް އެ މީހުންނަަށް ހަޖަމެއް ނުވާނެ." ހިނިގަނޑެއް ޖަހާލަމުން ޔޫނުސް ބުންޏެވެ.

"ދޮންބެ ހީނާއަކީ ރަނގަޅު އާއިލާއެއްގެ ކުއްޖެއް. ދޮންބެ ބުނެފިއްޔާ އޭނާގެ މަންމަމެން މި ގެއަށް ވާހަކަ ދައްކާލަން ގެނެވިދާނެ." ނީލާ ބުނެލި އެވެ.

"ނޫނޭ…ތި ހިސާބަށް ކަންތައްް ގެންދާވާނީ އަހަރެން ބުނީމަ. އެހެން ނޫނަސް އެ ކުއްޖާ އަހަރެންނާ އެކަށީގެނެެއް ވެސް ނުވޭ." އުނައިސް އަވަހަށް ބޯ ދަމާލި އެވެ.

"ދަރިފުޅާ ބައްޕަ އާ އެކު އާދޭ. އެބައޮތް ދަރިފުޅަށް ސަޕްރައިޒެއް." ޔޫނުސް އަވަހަށް އުނައިސްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އުނައިސް ވެސް ބަސް އަހާ ކުޑަ ކުއްޖެއް ފަދައިން ބައްޕަ އާ އެކު ދިޔަ އެވެ.

ޔޫނުސް ބިއްލޫރިން ހަދާފައިވާ ތަނެއް ހުޅުވާލި އެވެ. އެއީ ފުރިހަމަ އޮފީހެކެވެ. އެހާމެ އަގު ބޮޑު ފަރުނީޗަރު ލާފައިވާ ހައިބަތު ދައްކައިދޭ އޮފީހެކެވެ. އެއް ފަރާތުގައިވާ ސޯފާ އާއި ދަމާފައިވާ ކާޓްން އާއި ބިންމަތީގަ އަޅާފައިވާ ރެގުން ވެސް ތަނުގެ ހައިބަތު ފެންނަހާ ވެ އެވެ.

"ބައްޕާ މިއީ ހަދަ ރީތި ބޮޑު އޮފީހެކޭ." އުނައިސް އުފަލުން، އެކި ދިމަދިމާއަށް އެނބުރެމުން ބުންޏެވެ.

"ދަރިފުޅާ މި ޝާހީ އޮފީސް ބައްޕަ ހަދާފަ މި ހިރީ ހަމަ ދަރިފުޅަށް. މި ވަގުތު ވެސް ދަރިފުޅަށް މި އޮފިހުގަ އިނދެގެން މި ކުންފުނީގެ މަސައްކަތް ބެލިދާނެ. އެކަމަކު ބައްޕަ އެންމެ އެދޭގޮތަކީ ދަރިފުޅު މި ގޮނޑިއަށް އައުމަށް އެކަށީގެންވެގެން އައުން. މާނައަ ކީ މި ކުންފުނީގެ އެންމެ ތިރީ ހަރުފަތުން ފައްޓާށޭ އަދި އެކްސްޕީރިޔަންސާއެކު މި ގޮނޑި ފުރާލަދޭށޭ. މި ކުންފުނި ވެސް ކުރިއަށް ގެންދިޔުމަކީ ދަރިފުޅުގެ ޒިންމާއެއް." ޔޫނުސް އުނައިސްގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ.

ޖެހިގެން އައި ދުވަހު އުނައިސް، ރަހްމާނު އާއި ސަލީމް އާ އެކު އޮފީހަށް ދިޔަ އެވެ. ސަލީމް އުނައިސް އެންމެންނަށް ތައާރަފްކޮށް ދިނެވެ.

އެ ވަގުތު އެޗްއާރް މެނޭޖަރު އަސްލަމް ވަރަށް ރުންކުރުކޮށް އުނައިސް އާ ވާހަކަ ދެއްކި އެވެ. ފޮތްތަކާއި ފައިލްތައް ދެއްކުމުގައި ވެސް އޭނާގެ ކޮންމެވެސް ނުބައި ގޮތެއް ހުރިކަން އުނައިސް ފާހަގަ ކުރި އެވެ.

ސަލީމް އެއީ އޭނާގެ ވައްތަރު ކަމަށް ބުނެ ވާހަކަ މާދިގު ނުކުރި އެވެ. މުޅި ދުވަހު އޭނާ ވަރަށް ބުރަކޮށް އުޅުނެވެ. އަދި ގެއަށް ވަދެވުމާ އެކު އޭނާ ބަންލާފައި އެނދުމައްޗަށް ވެއްޓިގަތެވެ. އިރުކޮޅަކުން ތާނިޔާ އާއި އައިޝާ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.

"ސުބުހާނަﷲ މަށަށް މިއޮތީ ރެސްޓް ކުރެވިފަ." އުނައިސް ފުންމައިގެންް ތެދުވި އެވެ.

"ނޫނޭ ދޮންބޭ ވަރަށް މަޖާ ކަމެއްވީ. އެއްކަލަ ހީނާ ބުރުގާ އަޅައިފި. ދިގު ހެދުން ލައިގެން ހީވަނީ އެހެން ފަދަ ކަމެއްހެން. އަދި މިހާރު ދައްކަނީ މުޅިން ދީނީ ވާހަކަ ހީވަނީ ޝެއިޙް އިލްޔާސްގެ ދުއާ ޖެހުނީހެން." ތާނިއާ ހީހީފައި ބުންޏެވެ.

"އަދިވެސް ކްރެޑިޓް ދާންވީ ޝައިޙް އިލްޔާސަށް ދޯ؟ އެއީ މަގޭ ދުޢާއެއް ނޫންތަ. އަވަހަށް އޭނާ އަހަރެންނާ ގުޅޭނެ ގޮތެއް ކޮންމެވެސް ރޭވުމެއް ރާވާބަލަ. ތިޔައީ ވަރަށް މޮޅު ދެ ކުދިންނެއްނު." އުނައިސް ފޮނިވެފައި ބުންޏެވެ.

"ދޮންބޭ ހިލޭ އެއްވެސް ކަމެއް ނުވާނެ. ކޮންމެވެސް އަގެއް އޮންނަން ވާނެ ދޯ ތައްނޫ؟" އައިޝާ ބުނެލި އެވެ.

"އެއީ ތެދެެއް. އެންމެ 500 ރުފިޔާ. އޭރުން އަހަރެމެން ދެ މީހުންގެ ފީ ލިބުނީ." ތާނިޔާ ބުންޏެވެ.

"މަގޭ ޖީބު ހުސްކޮށްލަން ދޯ ދެމީ ހުން ރާވައިގެން ތި އައީ؟" އެންމެ ރަނގަޅު. އަހަރެން ކުރަންވި ކޮން ކަމެއް؟"

"ދޮންބެ ތި ހެދުން ބަދަލު ކުރޭ. އަދި ނޫކުލައިގެ ގަމީހެެއް ލާ. ހީނާ ވެސް ހުރީ ނޫކުލަ ލާފަ ދޯ ތާނީ." އައިޝާ ތާނިޔާ އަށް ދޯއެއް އެއްލި އެވެ.

"އޯ މަގޭ ސީއައިޑީ ކޮއްކިސް އަންގެންދޭ މި އޮތީ ކަލޭމެންގެ ފީ."

އުނައިސް ވަރަށް ފުރިހަމަޔަށް ތައްޔާރު ވެލައިގެން ބަގީޗާ އަށް ގޮސް ހީނާ އަށް އިންތިޒާރު ކުރަން ފެށި އެވެ. އިންތިޒާރު ކުރުމަކީ ވެސް ފޮނި އެއްޗެއްކަން އޭނާ އަށް މިއަދު އިހްސާސް ވި އެވެ.

ހީނާ މަގުގެ ކޮޅުން ދައްކާލި އެވެ. އުނައިސް ހުވަފެނީ ގޮތަކަށް ހީނާ އާ ދިމާލަށް ބަލަމުން ދިޔަ އެވެ. އަދި ބަގީޗާގެ ދެން ތިބި ކަޕްލްތަކަށް ވެސް އޭނާ އަށް ބަލަމުން ދާކަން އެނގުމުން އޭނާ ލަދުން މޯޅި ވެލި އެވެ.
މިއަދު ހީނާ ކިހާ ފުރިހަމަ ހެއްޔެވެ؟ އުނައިސް ހިތާހިތާ ކިޔަލި އެވެ. އެވަގުތު ހީނާ މޭޒް ކަރީ އިށީނދެެއްޖެ އެވެ.

"ހާއި… ވާހް. ކަމަނާ މިއަދު ހާދަ ރީއްޗޭ." އުނައިސް ބަލަމުން ބުންޏެވެ.

"ކަލާގެ އެސްފީނާއިން އަޅުގަނޑު ރައްކާތެރިކަން ހޯދަން." މަޑުމަޑުން ހީނާ ބުންޏެވެ.

(ނުނިމޭ)