Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

ކޮވިޑްގެ ނުރައްކާ ވައިޓް ހައުސް އަށް، ތިން މީހަކު ޕޮޒިޓިވް

ވައިޓްހައުސްގައި ވަޒީފާއަދާކުރަމުންދާ މުއައްޒިފުންގެ ތެރެއިން ތިން މީހަކަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮރޯނާވައިރަސް ޖެހިއްޖެއެވެ.

އެންމެ ފަހުން ވައިރަސް ޖެހުނުކަން ޔަގީންވީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވެންކާ ޓްރަމްޕުގެ ޕާރސަނަލް ސެކްރެޓަރީއަށެވެ.

ރައީސް ޓްރަމްޕުގެ ޚާއްޞަ މުޝީރެއްގެ މަގާމު އަދާކުރައްވާ އިވެންކާގެ ސެކްރެޓަރީއަށް ކޮރޯނާވައިރަސް ޖެހުނުކަން ޔަގީން ވުމުން ވައިޓު ހައުސްއިން ބުނީ ސެކްރެޓަރީއާއި އިވެންކާ ބައްދަލުނުކުރައްވާތާ ދެތިން ފަހުތާ ވެދާނެކަމަށާއި އޭނާ މަސައްކަތް ކުރަމުންދަނީ ފޯނުން އިވެންކާ ދެއްވާ މަޝްވަރާގެ މަތީންކަމަށެވެ.

ނައިބުރައީސް މައިކް ޕެންސްގެ ޕްރެސް ސެކްރެޓަރީ ކެޓީ މިލާރ އާއި ރައީސްގެ ހެދުންކޮޅާއި އެހެނިހެން ބައެއްތަކެތި ބަލަހައްޓާ ކަނޑުގެ ސިފައިންގެ މީހަކަށް ވެސް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ.

ވައިޓު ހައުސްގެ އިމިގްރޭޝަން ކަންތަކާ ބެހޭ މުޝީރު އަދި ތަގުރީރު ލިއުއްވާ ސްޓެފަން މިލާގެ އަނބިކަނބަލުންނަށް ކޮރޯނާވައިރަން ޖެހުނުކަން ހާމަކުރެއްވީ ގާނޫނީބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ޓްރަމްޕެވެ. އެ ޚަބަރު ލިބުނުތާ ދެ ދުވަސް ފަހުން ވައިޓު ހައުސްގެ ތެރެއިން ކޮރޯނާވައިރަސްގެ ދެވަނަ ކޭހެއް ފެނުނުނު ޚަބަރު އާއްމުވެގެން ދިޔައެވެ.

"ކެޓީގެ ހާލު ރަނގަޅުތާ އެތައް ދުވަހެއް ވެއްޖެ. ހަމަ ކުއްލިއަކަށް އޭނާއަށް ކޮރޯނާ ވައިރަސްޖެހުނުކަން އެނގުނީ." ޓްރަމްޕް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ވައިޓްހައުސްއަށް ކޮރޯނާވައިރަސް ފެތުރިގެން ދިޔަނުދިނުމަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ދަނީ އަޅަމުންނެވެ.

ވައިޓު ހައުސްއަށް ކޮރާނާވައިރަހުގެ ނުރައްކާ ފެތުރެމުންދާއިރު ވެސް ރައީސް ޑޮންލްޑް ޓްރަޕް މާސްކު ނާޅުއްވާތީ ނޫސްވެރިން އެކަން ވަރަށް ބޮޑަށް ފާހަގަކުރަމުން އެބަގެންދެއެވެ.

ވައިޓު ހައުސްއިން ކޮރޯނާ ވައިރަސް ޖެހުނު ތިން މީހުންގެ ތެރެއިން މީހަކާ ކޮމިޝަނަރ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ސްޓެފަން ހާންއާ ގާތްކަމެއް ބޭއްވިފައިވާތީ ސްޓެފަން މިހާރު ވަނީ ކަރަންޓީނު ކުރެވިފައެވެ.
ނިއުޔޯކް ޕޯސް ނޫހުގެ ރިޕޯޓެއްގައި ބަޔާންކޮށްފައި ވަނީ ކޮރޯނާވައިރަސް ވައިޓު ހައުސްއާ ވަރަށް ކައިރި ބުރެއްގައި އުޅެމުން ދާ ވާހަކައެވެ.

ވައިޓް ހައުސްއަށް ކޮރޯނާވައިރަސް ފެތުރެމުންދާ މައްސަލާގައި ސީއެންއެންއިން ބުނީ "ނުރައްކާ އޮތީ ގޭގެ އެތެރޭގައި" ކަމަށެވެ. އޭގެ މާނައަކީ ވައިޓުހައުސްގައި މީހުން ދިރިއުޅޭ ސަރަހަށްދަށް ވައިރަސް ފެތުރިފައިވާ ވާހަކައެވެ.

ހުކުރުދުވަހު ނައިބު ރައީސް އެމެރިކާގެ ސްޓޭޓަކަށް ކުރައްވަން އޮތް ދަތުރެއް އެއްގަޑިއިރަށް ލަސްވެގެންދިޔައެވެ. އެހެން ވާންޖެހުނީ އެއާރފޯސް 2 އިން ދަތުރުކުރަން ތިބި ބައެއް މީހުން ކޮރޯނާ ވައިރަހަށް ޓެސްޓުކުރެވިފައި ނުވާތީއެވެ.

ވައިޓް ހައުސްގެ މީޑިއާގެ ކަންތައް ބަލަހައްޓާ ފަރާތްތަކުން ބުނިގޮތުގައި ރައީސް ޓްރަމްޕާއި ނާއިބު ރައީސް މައިކު ޕެންސާއި ކަމާބެހޭ އެހެންބޭފުޅުންނާއި ނޫސްވެރިންގެ ބައްދަލުވުންތަކަށް ދާ ނޫސްވެރިންނާއި ރައީސާއި ނައިބު ރައީސްގެ އަރިހުގައި ދަތުރުކުރާ އެންމެން ދުވާލަކު އެއްފަހަރު ކޮރޯނާވައިރަހަށް ޓެސްސްޓުކުރާނެއެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.