Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ކޮވިޑް-19: އިންޑިއާގައި އެތައް ލައްކަ ކައިވެންޏެއް ކެންސަލް

އިންޑިއާގައި އަހަރަކު އެއްމިލިއަން ކައިވެނި ކުރެއެވެ. މިއަހަރު ކުރަން ރާވާފައިވާ އެތައް ލައްކަ ކައިވެންޏެއް ކޮރޯނާވައިރަހާ ގުޅިގެން މިއަހަރު ނުކުރާގޮތަށް ދަނީ ހަމަޖައްސަމުންނެވެ.

އިންޑިއާގައި މުސްލިމެއްގެ ކައިވެންޏަކަށްވިޔަސް، ހިންދޫންގެ ކައިވެންޏަށްވިޔަސް ނިކަން ބޮޑު ރަސްމިއްޔާތެއް ބާއްވާނެއެވެ. ފަގީރަކަށްވިޔަސް މުއްސަންޖަކަށްވިޔަސް ހަނދާންތަކަކަށް ދެމިގެންދާވަރުގެ ޕާޓީތައް ބާއްވާނެއެވެ.

ފުރަބަންދާ ގުޅިގެން ކައިވެނީގެ ރަސްމިއްޔާތު ބޭއްވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އިންޑިއާގައި އަހަރަކު ކައިވެނީގެ އެއްމިލިއަން ރަސްމިއްޔާތު ބާއްވައެވެ. މިއަހަރު އެހާ ގިނަ އަދަދެއްގެ ރަސްމިއްޔާތު ބޭއްވޭނެކަމަށް ގަބޫލެއް ނުކުރެވެއެވެ.

ރާޖިސްތާނުގައި ކުރަން ރާވާފައިވާ 23000 ކައިވެނި މިއަހަރު ނުކުރާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

ދައުވަތު ދީގެން މީހުން ގެނެސް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުން ސަރުކާރުން މަނާކުރުމާ ގުޅިގެން ބައެއް މީޙުން އޮންލައިންކޮށް ކައިވެނިކުރަމުން އެބަދެއެވެ. އެ ގޮތަށް ކުރާ ކައިވެނީގައި އަސަރެއް ފޮނިކަމެއް އުފަލެއް ނެތްކަމަށް ބުނެ އެތައް ހާސްބަޔަކު އެގޮތަށް ކައިވެނިކުރާކަށް ބޭނުމެއް ނުވެއެވެ.