އައްޑޫގައި ފިތުރު ޒަކާތް ބަހަން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ބޮލަކަށް 47 ރުފިޔާގެ މަގުން ހިތަދޫގެ ފަޤީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ފިތުރު ޒަކާތު ފައިސާ މިއަދު ވަނީ ދޫކުރަން ފަށައިފަ އެވެ.
މިއަދު ހެދުނުން ފެށިގެން ޒަކާތުގެ ފައިސާ ބަހަން ފަށާފައިވާ އިރު ހިތަދޫ އަވަށުގައި ޒަކާތުގެ ފައިސާ ބަހައި ނިންމާލެވޭނީ މާދަމާގެ ނިޔަލަށެވެ. ހިތަދޫ އިން ފައިސާ ދޫކުރާނީ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓް އެންޑް އިންފްރާސްޓްރަކްޗަ އިންނެވެ.
އައްޑޫގެ އެހެން ރަށްރަށުގައި ފިތުރު ޒަކާތް ބެހުމުގެ މަސައްކަތް އަދި ފެށިފައި ނުވި ނަމަވެސް އެ ރަށްރަށުގައި ފަގީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ވެސް ފިތުރު ޢީދުގެ ކުރިން ފައިސާ ދޫ ކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
އެގޮތުން މަރަދޫގައި ފައިސާ ދޫކުރާނީ މަރަދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް ސޯޝަލް ސާރވިސްގެ ޖެނެރަލް ސާވިސް ސެކްޝަނުންނެވެ. އަދި ފޭދޫގައި ފައިސާ ދޫކުރާނީ ޑިޕރޓްމަންޓް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޔޫތް އެންޑް ސްޕޯރޓްސްއިންނެވެ. އަދި ހަމައެހެންމެ ހުޅުމީދޫ އަވަށުގައި ފައިސާ ދޫކުރާނީ ޑިޕާޓްމަންޓް އޮފް އެންވަޔަރަމެންޓް ސެކްޝަނުންނެވެ.
ފިޠުރު ޒަކާތަށް މި އަހަރު އައްޑޫން ދެއްކި ފައިސާއިން ހިތަދޫގެ ފަޤީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ބަހަން ނިންމާފައި ވަނީ 78،902.20 ރުފިޔާ އެވެ.
މަރަދޫ އަދި މަރަދޫފޭދޫގެ ފަޤީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ބަހަން ނިންމާފައި ވަނީ 87،681.60 ރުފިޔާ އެވެ.
ފޭދޫ އަވަށުގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ބަހަން ނިންމާފައިވަނީ 104،904 ރުފިޔާ އެވެ. ހުޅުދޫ އަދި މީދޫ ގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ބަހަން ނިންމާފައިވަނީ 100،917.60 ރުފިޔާ އެވެ.
ފިތުރު ޒަކާތް ދޫކުރުން އޮންނާނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ.