Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ވައިޓްހައުސްގެ މުވައްޒަފުން މާސްކް އެޅުމަށް އަންގައިފި

ވޮޝިންޓަން- 12 މޭއި: އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި މަސައްކަތްކުރި ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މާސްކު އެޅުމަށް އަންގައިފިއެވެ.

ވައިޓްހައުސްގެ އޮފީހުން އަންގާފައިވަނީ އިޖްތިމާއީ ގައިދުރުކަން ހިމެނޭ ގޮތަށް އެމީހެއްގެ މޭޒު ދޮށުގައި އިށީނދެތިބޭ ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައި މާސްކް އަޅާ އަނގައާއި ނޭފަތް ނިވާކުރަން ޖެހޭނެ ކަމަށެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ނައިބު ރައީސް މައިކް ޕެންސްގެ އެހީތެރިންގެ ގޮތުގައި އުޅުނު ދެމީހަކު ބަލިވުމާއި ގުޅިގެންނެވެ.

އެމެރިކާގެ ކޮރޯނާ ޓާސްކް ފޯސްގައި ހަރަކާތްތެރިވާ 3 ފަރާތެއް ވަނީ ބަލިޖެހިފައިވާ ފަރާތްތަކާއި ކޮންޓެކްޓް ވުމުގެ ސަބަބުން ސެލްފް އައިސޮލޭޝަނަށް ފޮނުވާފައެވެ.

ކޮވިޑް-19އަށް އެންމެ ގިނަ މީހުން މިހާތަނަށް ފޮޒިޓިވް ވެފައިވަނީ އެމެރިކާއިންނެވެ. 1،384،000އަށްވުރެ ގިނަ މީހުންނަށް އެމެރިކާގައި މި ބަލި ޖެހިފައިވެއެވެ. އަދި 81،700ށް ވުރެ ގިނަ މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް އެމެރިކާއިން 17،000ށްވުރެ ގިނަ ޕޮޒިޓިވް އާ ކޭސްތައް ފެނިފައިވެއެެވެ.