Last Updated: March 28, 16:50
Thursday, March 28, 2024
ދުނިޔެ

ކޮވިޑަށް ބިރުން 3 ލައްކަ އިނގިރޭސީން ސިނގިރެޓު ބުއިން ހުއްޓާލައިފި

ކޮރޯނާވައިރަސްއަށް ބިރުން ގައުމުގެ އެކި ސަރަހައްދުތަކުން ތިން ލައްކައަށްވުރެ ގިނަ މީހުން ސިނގިރެޓު ބުއިން ހުއްޓާލައިފިކަން އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ޔަގީންވެއްޖެއެވެ.

އަދި އެ ދިރާސާއިން ގޭގައި ކަރަންޓީނުވެގެން ތިބި ދުވަސްވަރު ފަސް ލައްކައަށްވުރެ ގިނަ މީހުން ސިނގިރެޓު ބުއިން ހުއްޓާލަން މަސައްކަތްކޮށްފައިވާކަމަށާއި 24 ލައްކައަށް ވުރެ ގިނަ މީހުން ސިނގިރެޓު ބުއިން މަދުކޮށްފައިވާކަން ވެސް އެނގުނެވެ.

އެ ދިރާސާގައި ސުއާލު ކުރެވުނު މީހުންގެ ތެރެއިން 27 ޕަސެންޓު މީހުން ބުނީ ސިނގިރެޓު ބުއިމަކީ ގޯހެއްކަމަށާއި އެކަން ހުއްޓާލުމަށް އެމީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކުރިން ސިނގިރެޓު ބުއި މީހުންގެ ތެރެއިން 24 ޕަސެންޓު މީހުން ބުނެފައި ވަނީ އެމީހުން ދެވަނަ ފަހަރަށް ސިނގިރެޓު ބޯން ނުފަށާނެކަމަށެވެ.

ކޮރޯނާވައިރަހާގުޅިގެން ގޭގައި އެކަނި ތިބެންޖެހުމުން ސިނގިރެޓު ބުއިމުގެ އާދަ އިތުރުވެފައިވާކަމަށް ބުނީ އެންމެ ހަތަރު ޕަސެންޓު މީހުންނެވެ.

ކޮރޯނާވައިރަސް ޖެހޭ މީހުންގެތެރެއިން އެންމެ ނުރައްކާތެރި ހާލަތަކަށް ބަދަލުވާ އެއްބަޔަކީ ފުއްޕާގެ މައްސަލަތައް ދިމާވެ ނޭވާލާންދަތިވާ މީހުންނެވެ. އަދި އޭގެތެރެއިން އެންމެ ގިނަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ.