އައްޑޫ ސިޓީ ކައުންސިލުން މަގު ބައްތިއަށް ބޮޑު ހޭދައެއް ކުރާކަމަަށް ބުނެ އާއްމު ކުރުމާއި ހިސާބުން އާއްމު ރައްޔިތުންގެ ކަނބޮޑުވުން އިންތިހާއަށް ގޮސްފިއެެވެ. އަމުދުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ބަޔަކަށް ދޭ އިރު އެ ބަޔަކު ކުރާ ކަމެއް ކައުންސިލަށް ބެލިފައި ނުވާތީ އެކަމުގެ ޝަކުވާ އަދި މާ ބޮޑެވެ.
ހިތަދޫގެ ބޮޑު މަގާއި، ކޮންވެންޝަން ސެންޓަރު ސަރަހައްދުގެ މަގު ބައްތި ދުވާލު ދިއްލިފައި، ރޭގަނޑު ނިވަފައި ހުންނަ ވާހަކަ ދެކެވިއްޖެ އެވެ. އެގޮތަށް ބޮކި ދިއްލިފައި ހުރުމުގެ ސަބަބުން އާއްމުންނަށް އެއްވެސް ފައިދާއެއް ނުވާ އިރު އެތަށް ބޮޑު ބޭކާރު ހަރަދެއް ކަރަންޓަށް އެބަ ހޭދަވެއެވެ. އެކަމަކަށް އަދި އިސްލާހެއް ނުލިބެ އެވެ.
ދެން އޮތީ ވަކިން އޮތް ހުޅުމީދޫއެވެ. ބޮޑު މަގުގައި ޖަަހަން ގެނައި ބައްތިތައް ހިތަދޫ ފެނަކަ ސައިޓެއްގައި ތިބެ ހަލާކުވެގެންދަނީއެވެ. ބޮކި ޖަހަން ހެއްދި ބުޑު އަދިވެސް ހުޅުމީދޫއަށް ނުގެނެވެ އެވެ. ރަށުގައި ޖަހާފައި ހުރި ބައްތިތައް ދިއްލައި ބެލެހެއްޓުމަށް މަހަކު 12،500 ރުފިޔާ ކައުންސިލުން އެބަ ހޭދަ ކުރެ އެވެ.
މީދޫ ނިކަގަސް މަގުގައި ޖަހާފައި ހުރި ބޮކި ދަނޑީގެ ބުޑު ފީވެ ދަބަރަށްވެ ވެއްޓިފައި އޮންނަތާ 3 މަސް ވެއްޖެއެވެ. އެކަމާއި އާއްމު އުނދަގުލަކަށް ވެގެން އެތައް ފަހަރަކު ކަމާއި ބެހޭ ފަރާތުގެ ސަމާލުކަމަށް މިކަން ގެނެވިއްޖެ
އެވެ. ވީ ކަމެއް ނެތެވެ. މަސައްކަތާއި ހަވާލުވި ކުންފުނިން ބައްތި މަރާމާތު ނުކޮށް އޮތްވާ ވެސް އެކުންފުންޏަށް މަހުން މަހަށް ބަރާބަަރަށް ފައިސާ އެބަ ދޫކުރެ އެވެ.
ދެން އޮތީ ބާކީ ތިބި ބޮކި ތަކުގެ ވާހަކައެވެ. ހުޅުމީދޫ ޖަހާފައި ތިބި ބޮކި ތަކުގެ ތެރެއިން ދިއްލެނީ މަދު ބޮއްކެވެ. ބާކީ ހުރި ބޮކިތައް ހުރީ މަރާމާތަށް ބޭނުންވެފައެވެ. އެކަމަކު އެކަން ނުކުރެވެ އެވެ.
ބަލާ ނުލެވުނުތާ އެކަމާއި މެދު ކަންބޮޑުވެ އެކަން އިސްލާހު ކުރަން ކައުންސިލަށް ކުރެވުނު ކަމެއް އާއްމު ރައްޔިތަކަށް ނޭނގެ އެވެ.
އެކަމަކު ކައުންސިލުން ބުނަނީ އާއްމުން އެދޭ ގޮތަށް މަގު ބައްތި ދިއްލައި ދެމުންދާ ކަމަށެވެ. އަދި އެވަރަށް ހޭދަވެ ސް ކުރާ ކަމަށެވެ.