Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ ދަންވަރު 3:00 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ދެކުނަށް ޔެލޯ އެލާޓް ނެރެފައިވާއިރު މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އަރަމުންދާ ކަމަށާއި އަދި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.

އަދި މި ދުވަސްވަރަކީ އާންމު ގޮތެއްގައި ރާއްޖެ އަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާ ދުވަސްވަރު ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

"މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭ" މެޓް އޮފީހުން ބުނެއެވެ.

މި ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ދެކުނާއި މެދުރާއްޖެތެރޭގައި އާންމުވައި ގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.