Last Updated: June 9, 17:53
Tuesday, June 9, 2026
މުނިފޫހިފިލުވުން

ރާޖަޕަކްސާ ހަރަދެއް ނުކުރޭ: ޖޯން

ޖޯން އަބްރަހަމް އާއި ވައަކޮމް 18 މޯޝަން ޕިކްޗާސް ގުޅިގެން ޕްރޮޑިއުކޮސްކޮށް، ސްރީ ލަންކާގައި މަންޒަރުތައް ނަގާފައިވާ ސްޕައި ތްރިލާ "މެޑްރާސް ކެފޭ" އަށް ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ "ސިއްރުން" ފައިސާ ހަރަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ޖޯން ދޮގުކޮށްފި އެވެ.

މި މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ސުޖިތު ސިރްކާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ރާޖަޕްކަސް ހަރަދުކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހައަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށް ފިލްމްގެ ލީޑް އެކްޓަރު ޖޯން ބުންޏެވެ.

ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ފިލްމްގެ ހުރިހާ ހަރަދެެއް ކުރީ ވައަކޮމް އިން ކަމަށެވެ. އަދި ފިލްމްގެ މަސައްކަތް ނިންމާލީ ފިލްމަށް އެންނެ ފުރަތަމަ ވެސް ކަނޑައެޅި ބަޖެޓުން ކަމަށް ޖޯން ބުންޏެވެ.

އެެހެންވެ "މެޑްރާސް ކެފޭ" އަށް ރާޖަޕަކްސަ ސިއްރުން ފައިސާ ހަރަދު ކުރި ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އެއްވެސް ތާކުން ކުރެ ތާކު ޖެހޭ ކަހަަލަ ވާހަކައެއް ނޫން ކަމަށް ޖޯން ބުންޏެވެ.
އަދި އެފަދަ ވާހަކަތަކެއް ބަޔަކު ފަތުރައިގެން އުޅެނީ ކީއްވެ ކަމާ ދޭތެރޭ ސުވާލް އުފެދޭ ކަމަށް ވެސް ޖޯން ބުންޏެވެ.

މިއީ ލަންކާގައި ހިންދީ ފިލްމެއް ޝޫޓް ކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން ސަލްމާން ހާނާއި އާސިން ލީޑް ރޯލް ކުޅުނު "ރެޑީ" ގެ ވެސް ބޮޑު ބައެއް ވަނީ ލަންކާގައި ނަގައިފަ އެވެ. އަދި ޕޫޖާ ބަޓްގެ "ޖިސްމް 2" ވެސް ޝޫޓްކޮށްފައި ވަނީ ލަންކާގަ އެވެ.

މީގެ އިތުރުން ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅެ، އަނޫރާގެ ކެޝަޕް ޑައިރެކްޓް ކުރާ "ބޮމްބޭ ވެލްވެޓް" ގެ މަންޒަރުތައް ވެސް ލަންކާގައި މިހާރު އަންނަނީ ނަގަމުންނެވެ.

ލަންކާގައި 1990 ވަނަ އަހަރު ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "މެޑްރާސް ކެފޭ" ގައި ޖޯން އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ނަރުގިސް ފަހުރީ އެވެ.

"މެޑްރާސް ކެފޭ" މި މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރާ އިރު، ލަންކާގެ ރަސްމީ ބަސް ތަމަޅަ ބަހުން ވެސް ޑަބްކޮށް ރިލީޒް ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.