Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ހުސައިން އަބްދުﷲ ނިޔާވުމުން ރައީސްގެ ތައުޒިޔާ އާއިލާއަށް

ކޮވިޑް19 ޖެހިގެން ރޭ ރާއްޖެއިން ނިޔާވި ހަތަރުވަނަ މީހާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ދަންނަވައިފިއެވެ.

ރޭ ރާއްޖެއިން މަރުވީ 88 އަހަރުގެ މީހެކެވެ. އޭނާ މަރުވީ ރޭ 11:15 ގައި ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. މި ބަލީގައި ރޭ ނިޔާވި މީހާއަކީ އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ) ޢިއްޒަތްތެރިޔާ ޙުސައިން ޢަބްދުﷲއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސައިން އަބްދުﷲ އަކީ މުޖުތަމައު އަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ރައީސް ސޯލިހު ވަނީ ދުއާ ކުރައްވާފައެވެ.

ހުސައިން އަބްދުﷲ ނިޔާވުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުޒިޔާ ދަންނަވާފައެވެ. ހުސައިން އަބްދުﷲ އަކީ ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ހުސައިން އަބްދުﷲ ރޭ ނިޔާވިއިރު ހަމަ ކޮވިޑް19 ގެ ބަލީގައި އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމް، 83، ވެސް ވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ނިޔާވެފައެވެ.