Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހިތަދޫ ކޯޓުން ވީޑިއޯ ކޮންްފަރެންސިން މެދުވެރިކޮށް މައްސަލައެއް ކުރިއަށް ގެންގޮސްފި

ހިތަދޫ މެޖިސްޓްރޭޓް ކޯޓް.

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ފުރަތަމަ ފަހަރަށް މައްސަލައެއް ކުރިއަށް ގެންގޮސްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނިގޮތުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު އޯޑިއޯ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވަނީ އާއިލީ މައްސަލައެއް ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފާއިތުވެދިޔަ އަހަރުގައި ކޯޓުތައް އޮޓޮމޭޓުކޮށް ރާއްޖޭގެ ހުރިހައި ކޯޓުތަކެއް އެއްވިއުގައަކުން ގުޅާލުމަށް ކުރި މަސައްކަތުގެ ތެރެއިން އޯޑިއޯ ވީޑިއޯ ކޮންފަރެންސިން ފެސިލިޓީ މިހާރު ވަނީ 101 މެޖިސްޓްރޭޓް ކޯޓުގައި ގާއިމުކުރެވިފައެވެ.

އަދި ކޭސް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް މިހާރު ކޯޓުތަކުގެ ޝަރީއަތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން އޯޑިއޯ ވީޑިއޯ ކޮންފަރެސިން ފެސިލިޓީ މެދުވެރިކޮށް ރާއްޖޭގެ އެކި ކޯޓުތަކުގައި ޝަރީއަތްތަކުގެ ބަޔާންތައް ނެގި އަދި ސިއްރު ހެކިބަސް ވެސް ދަނީ ނެގެމުންނެވެ.

މި އޮޓޮމޭޝަން ނިޒާމުގެ ސަބަބުން ރާއްޖޭގެ ޢަދުލުއިންސާފު ގާއިމުކުރުން އަވަސްވެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.