Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

އީދު ނަމާދު ޒޯން ސްޓޭޑިއަމްގައި

ސްޓޭޑިއަމް. ފޮޓޯ/ އައްޑޫ ލައިވް

މި އަހަރުގެ ފިތުރު އީދު ނަމާދު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުރާ ގޮތަށް ނިންމައިފި އެވެ.

މި ގޮތަށް ހަމަޖެއްސީ އައްޑޫ ސިޓީ ކައުންސިލާއި، ފިތުރު އީދު ނަމާދު އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެންނެވެ.

އެ ޖަމިއްޔާގެ ރައީސް ޝެއިހް މުހައްމަދު އަނިލް ވިދާޅުވީ ސްޓޭޑިއަމްގައި ފިތުރު ނަމާދު ކުރަން ހަމަޖެއްސުމާ ގުޅިގެން މީގެ ކުރިން ހިތަދޫގައި ފިތުރު ނަމާދު ކުރާ 12 މިސްކިތުގެ ތެރެއިން ފަސް މިސްކިތެއްގައި ފިތުރު ނަމާދު ނުކުރާ ގޮތަށް ކައުންސިލުން ހަމަޖައްސައި ދީފައިވާ ކަމަަށެވެ.

އޭނާ ވިދާޅުވީ ޒޯން ސްޓޭޑިއަމްގައި ފިތުރު ނަމާދު ކުރަނީ އައްޑޫގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ހުޅުވާލައިގެން ކަމަށެވެ. އެގޮތުން ގުޅިފައިވާ ރަށްރަށުން ހިތަދު އަށް ދާ މީހުންނަށް ބަސް ދަތުރު ވެސް ހަމަޖައްސައި ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން ރަށްރަށުން ހިތަދު އަށް ދާން ބޭނުންވާ މީހުންނަށް އެ ރަށެއްގެ ބޮޑު މަގެއްގެ ބަސް ސްޓޮޕްތަކަށް ނިކުތުމުން ބަހުން ދަތުރު ކުރެވޭނެ ކަމަށް ނޫރުލް އިސްލާމުން ބުންޏެވެ.

ސްޓޭޑިއަމްގައި ފިތުރު ނަމާދު ގިނ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކުރަން ނިންމާފައިވާ އިރު، އެ ތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވެސް ވަކިން ވުޟޫ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ނަމާދަށް ފަހު އޮންނަ ސަޔަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ހެޔޮ އެދޭ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮތީ ހުުޅުވާލެވިފަ އެވެ.

އެގޮތުން ނޫރުލް އިސްލާމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހާނިސްގެ ނަންބަރު 7900690 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"ނޫރުލް އިސްލާމުން ބުނީ ހެނދުނު 7:30 ގައި ފަށާ އީދު ނަމާދުގައި މަދުވެގެން 2،000 އެއްްހާ މީހުން ބައިވެރިވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މިއީ ބޮޑު މައިދާނެއްގައި އައްޑޫގައި ފިތުރު އީދު ނަމާދު ކުރާ ގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.