Last Updated: June 9, 16:46
Tuesday, June 9, 2026
ކުޅިވަރު

ދަނޑުތައް ތަރައްގީ ކުރެވިފައިވާނެ: ކައުންސިލް

އައްޑޫގެ ކުޅިވަރު ދަނޑުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ފާއިތުވި ދެ އަހަރު އެކަށީގެންވާ ގޮތަކަށް ކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ހިތަދޫ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓްތައް މަރާމާތު ކުރުމާއި ހަޓެއް ހެދުމުގެ މަސައްކަތް ކައުންސިލުން ވަނީ 2012 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ކޮށްފައި ކަމަށެވެ.

ކޮންޓްރެކްޓް އުޞޫލުން ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙާވާލުކޮށްގެން ކުރުވި މި މަސައްކަތަށް 832،372.00 ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

މަރަދޫ ފުޓްބޯޅަ ދަނޑުގެ ފެންސްގައި ދާ ޖެހުމުގެ މަސައްކަތް 2012 ވަނަ އަހަރު ކައުންސިލުން ވަނީ ކޮށްފައެވެ. ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ މެދުވެރިކޮށް ކޮންޓްރެކްޓް އުޞޫލުން ކުރުވި މި މަސައްކަތަށް 219،552.00 ރުފިޔާ ޚަރަދުވެފައި ވެއެވެ.

ހިތަދޫ ބޭރުމަތީ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް އެ ދަނޑު ދިއްލުމަށްޓަކައި 4 ލައިޓް ޕޯސްޓް ޖަހައި 4 މާކަރީ ލައިޓް ހަރު ކުރުމުގެ މަސައްކަތް 2012 ވަނަ އަހަރު ކައުންސިލުން ވަނީ ކޮށްފަ އެވެ. އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ކުރުވި މި މަސައްކަތަށް 59،600 ރުފިޔާ ޚަރަދުކޮށްފައި ވެ އެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ ބަޖެޓުން ޚަރަދު ކޮށްގެން 2012 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން މަރަދޫ އަވަށުގެ މަރަދޫފޭދޫ ފުޓްބޯޅަ ދަނޑާއި ހިތަދޫ އަވަށު ރަސްމީ ބޯޅަ ދަނޑާއި ހިތަދޫ އަވަށު މަނިކު ބޯޅަ ދަނޑުގެ ވިނަ ކޮށާފައި ވެ އެވެ. މި މަސައްކަތް ކުރުވާފައި ވަނީ ގަން އެއަޕޯޓް ކޮމްޕެނީ މެދުވެރިކޮށެވެ.

އަދި މަރަދޫ ފުޓްބޯޅަ ދަނޑުގައި ޗޭންޖިންގ ރޫމެއްގެ ގޮތުގައި ކުރިން ރާނާފައި ހުރި ޢިމާރާތް ހިޔާކޮށް ސިމެންތި ޖަހައި ތަޅުން އަޅައި ކުލަ ލުންފަދަ މަސައްކަތްތައް ކައުންސިލުން ޚަރަދުކޮށްގެން 2011 ވަނަ އަހަރުގެ ތެރޭގައި ވަނީ ކުރުވައިފަ އެވެ. މި މަސައްކަތަށް 471،832.00 ރުފިޔާ ޚަރަދު ކޮށްފައެވެ.

މީގެ އިތުރުން މަރަދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު 5 ފޫޓް އުސްމިނަށް ރާނައި ސިމެންތި ޖަހައި ގޭޓް ހަރު ކުރުމުގެ މަސައްކަތް 2011 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހުގެ ތެރޭގައި ކައުންސިލުން ވަނީ ކުރުވައިފަ އެވެ. މި މަސައްކަތަށް 786،153.00 ރުފިޔާ ޚަރަދުވި އެވެ.

ފޭދޫ ފުޓްބޯޅަ ދަނޑު ވަށައިގެން ޖަހައިފައިވާ ފެންސްގެ ނަރުދާ ފީވެ ހަލާކުވުމާ ގުޅިގެން އެދާތައް ނަގައި އަލުން ދާ ޖަހައި އެ ފެންސް މަރާމާތު ކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ކުރެވުނެވެ. މި މަސައްކަތަށް 247،828.00ރ. ޚަރަދު ކޮށްފައިވެ އެވެ.

ފޭދޫ ފުޓްބޯޅަ ދަނޑުގައި ޢިމާރާތް ކޮށްފައިވާ ކުޅިބަލާގެ މަރާމާތު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން 2011 ވަނަ އަހަރު ކައުންސިލްގެ ޚަރަދުގައި ކުރެވުނެވެ. އެ މަސައްކަތަށް ކައުންސިލުން 27،865.00 ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.

ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގެ ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ކުރެވުނެވެ. މި މަސައްކަތަށް ހޯދުނު ފްލަޑް ލައިޓްތަކުގެ އަގަށް މި ކައުންސިލުން 24،750.00 ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

ހިތަދޫ ބޭރުމަތީ ބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ލައިޓް ޖެހުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން 2011 ގައި ވަނީ ކުރުވާފަ އެވެ. މި މަސައްކަތުގެ އަގަކީ 376،922.00 ރުފިޔާ އެވެ.