މިދިޔަ އަހަރު އައްޑޫގައި ބޭއްވި ރޯވިން ނުވަތަ ފަލި ޖެހުމުގެ މުބާރާތަށް ކައުންސިލުން 100،000ރ. އަށް ވިރެ ގިނަ ފައިސާ ހަރަދުކޮށްފައިވާ ކަމަށް އައްޑު ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ ސްކޫލްތަކުގެ ދަރިވަރުންނަށް ފަލި ޖަހަން ދަސްކޮށް ދިނުމަށް ހިންގި މަޝްރޫޢަށް 126،631.00 ރުފިޔާ ޚަރަދު ވެފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ އެއީ އިނގިރޭސިވިލާތުން ގެނައި ތަޖުރިބާކާރެއްގެ އެހީތެރިކަމާއެކު ރޯވިންގެ އެސޯސިއޭޝަނާ ގުޅިގެން ކައުންސިލުން ހިންގި މަޝްރޫއެއް ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ދިން އެހީތަކުގެ ތެރޭގައި އަތޮޅު ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމާއި، އައްޑޫ ސިޓީ އަށް ފަޚުރުވެރި ވަނަތަކެއް ހޯދައިދޭ ދަރިވަރުންނަށް އިނާމު ދިނުމާއި، އެކި ޖަމްޢިއްޔާތަކުން އިންތިޒާމްކޮށް ހިންގި ކުޅިވަރުގެ އެކި މުބާރާތްތަކަށް ފައިސާގެ އެހީ ދިނުން ހިމެނެ އެވެ.
އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސްކޫލްތަކާއި އަދި މިނޫން ވެސް ބައެއް މިފަދަ ފަރާތްތަކުން މި ސިޓީގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި 2012 ވަނަ އަހަރު ރާވައި ހިންގި ގިނަ މަޝްރޫޢުތަކަށް މި ކައުންސިލުން ވަނީ އެހީތެރިވެ ދީފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.