Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

މޫސުން ގޯސްވެ ބ.އަތޮޅުން އައްޑޫ އަށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން އައްޑު ސިޓީއާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ބ. އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 17:00 ން މިރޭ 22:00 އާއި ހަމައަށް ކަމަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އަދި ކަނޑު ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އަރަމުންދާ ކަމަށާއި އަދި ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.

އަދި މި ދުވަސްވަރަކީ އާންމު ގޮތެއްގައި ރާއްޖެ އަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާ ދުވަސްވަރު ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

"މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވޭ" މެޓް އޮފީހުން ބުނެއެވެ.

މި ވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ދެކުނާއި މެދުރާއްޖެތެރޭގައި އާންމުވައި ގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.