ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިއަނުން މިރޭ ގަމާއި ސްރީ ލަންކާ އާ ދެމެދު ޝެެޑިއުލް ދަތަރުތައް ފަަށައިފި އެވެ.
ގަމުން ލަންކާ އަަށް ކުރާ ފުރަތަމަ ދަތުރު ފެށުމުގެ ގޮތުން ގަން އެއާޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް އެވެ.
މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމްގެ އިތުރުން ގަން އެއާޕޯޓް ހިންގާ އައްޑު އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ މެނެޖިން ޑިރެކްޓަރު ޝާހިދު އަލީ އާއި އެ ކުންފުނީގެ ކޮންސޯޓިމްގައި ހިމެނޭ އެހެން ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން މޯލްޑިވިއަންގެ އިސް ވެރިންނާއި މުވައްޒަފުން ބައިވެރިވި އެވެ.
ގަމާއި ލަންކާ އާ ދެމެދު ދަތުރު ކުރަނީ މޯލްޑިވިއަންގެ އެއާބަސްގަ އެވެ. އެގޮތުން މި ރޭ ބޭއްވި ފުރަތަަމަ ޝެޑިއުލް ދަތުރުގައި ގަމުން ބޯޓް ނައްޓާލީ ފުލްކޮށެވެ. ބޯޓް ފުރުމުގެ ކުރިން ޕަސެންޖަރުންނާ އެކު މޯލްޑިވިއަނުން ވަނީ ހާއްސަ ފޮޓޯއެއް ވެސް ނަގާފަ އެވެ.
އޭއައިއޭގެ އެމްޑީ ޝާހިދު ވިދާޅުވީ 50 އަހަރުވީ ދިގު ތާރީހެއް އޮތް ގަން އެއާޕޯޓުން މީގެ ކުރިން ދުވަހަކު ވެސް ދިވެހިންނަށް ޝެޑިއުލް ދަތުރެއް ނުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް އެފަދަ ދުވަހަކަށް ރައްޔިތުން އެެދިއެދި ތިއްބައި، މިއަދު އެކަން ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ އެމްޑީ އަބްދުލް ހާރިސް ވެސް ވިދާޅުވީ ގަމާއި ލަންކާ އާ ދެމެދު ދަތުރުތައް ފެށިގެން ދިއުމުން، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ވިޔަފާރި އާއި ބޭސް ފަރުވާ އަށް ލަންކާ އަށް ދިއުމަށް ހުޅުވިގެން މި ދިޔައީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް ވިދާލުވީ ސަރުކާރުގެ އަމާޒަކީ ހުއްޓުމެއް ނެތި މޯލްޑިވިއަން މެދުވެރިކޮށް ގަމުން ލަންކާ އަށް ދަތުރުތައް ބޭއްވުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ގަމުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރު ކުރެވޭނެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.