Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

17 ދުވަސްވީ ތުއްތު ކުއްޖާގެ ނަތީޖާ މިހާރު ނެގެޓިވް!

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން އެންމެ 17 ދުވަސްވީ ތުއްތު ކުއްޖާގެ ނަތީޖާ މިހާރު ނެގެޓިވްކަމަށް އެޗްޕީއޭއިން އާއިލާއަށް އަންގާފައިވާ ކަމަށް ތުއްތު ކުއްޖާގެ އާއިލާއިން ބުނެފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ތުއްތު ކުއްޖާގެ މަންމަ ބުނީ އެކުއްޖާގެ ނަތީޖާ ނެގެޓިވްކަމަށް މިއަދު 5 ޖެހިފަހުން އާއިލާއަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

އައިޖީއެމްއެޗަށް ވިހެއި މި ތުއްތު ކުއްޖާ ކޮވިޑް-19އަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ)ގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގުއެވެ.

ނަޒްލާ ވިދާޅުވީ އެ ކުއްޖާ ޓެސްޓު ކުރީ ޕޮޒިޓިވްވި މީހެއްގެ އިންޑައިރެކްޓް ކޮންޓެކްޓެއް ބައްޔަށް ޕޮޒިޓިވްވެ، އެ ކުއްޖާއާ ކޮންޓެކްޓް ވެފައިވާތީ އާއި އަދި އެ ކުއްޖާގެ ފަރާތުން ކޮންމެވެސް ވަރަކަށް އަލާމާތްތަކެއް ފެނިފައިވާތީ ކަމަށެވެ.

ތުއްތު ކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކުއްޖާގެ މަންމަ އަދި ބައްޕަ ވަނީ ކޮވިޑަށް ޓެސްޓުކޮށްފައެވެ. ނަމަވެސް ދެމީހުން ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައެވެ.

ތުއްތު ކުއްޖާގެ ނަތީޖާ އާއި ގުޅޭގޮތުން ރޭ އެންއޯސީގައި ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ފަހުން ޖަވާބު އަރުވާނެކަމަށް އެންއޯސީން ޑރ، އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ތުއްތު ކުއްޖާ އާއި އެކު މިހާރުވެސް ކަރަންޓީނު ފެސިލިޓީގައި ހުރި އެކުއްޖާގެ މަންމަ ބުނީ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވްވިކަން މިއަދު ފެސިިލިޓީގައި ހުންނަވާ ޑޮކްޓަރުގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އަދި ރަސްމީކޮށް އެމައުލޫމާތު ހޯދުމަށް ތަކުރާރުކޮށް އެޗްޕީއޭއަށް ގުޅުމުންވެސް ޖަވާބު ދީފައި ނުވާކަމަށް ކުއްޖާގެ މަންމަ ވަނީ ބުނެފައެވެ. އަދި ހަވީރު 5:15 ހާއިރު އެޗްޕީއޭއިން ކުއްޖާގެ ނަތީޖާ ނެގެޓިވްވިކަން އަންގާފައިވާ ކަމަށެވެ.

ތުއްތު ކުއްޖާ ޓެސްޓު ކުރުމާއި، އަދި ކަރަންޓީނު ފެސިލިޓީއަށް ގެންދިއުމުގެ އިތުރުން ކުއްޖާގެ މަންމަ އާއި ބައްޕަ ޓެސްޓުކޮށްދިނުމަށް ތަކުރާރުކޮށް އެދުނު ނަމަވެސް އެކަން ހިނގާދިޔައީ އެންމެ ރަނގަޅަށް ނޫންކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި މަންމަ އާއި ބައްޕަ ނެގެޓިވްވިކަން ނޭގި އެތައް އިރެއް ތިބެން ޖެހުނު ކަމަށެވެ. އަދި އެއީ ވަރަށް ހިތްދަތި ވަގުތުކޮޅެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.