މޯލްޑިވިއަން އިން ގަމާއި ލަންކާ އާ ދެމެދު ދަތުރުތައް ފެށުމަށް މި ރޭ ބޭއްވި ފުރަތަމަ ދަތުރުގައި އައްޑޫގެ ބައެއް ކައުންސިލަރުން ސްރީ ލަންކާ އަށް ވަޑައިގެންފި އެވެ.
މި ދަތުރުގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީ އާއި ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) އާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެ ބޭފުޅުން އަމިއްލަ ދަތުރެއްގައި ލަންކާ އަށް ވަޑައިގެންނެވި އިރު، ކައުންސިލަރުންގެ ތެރެއިން ދަތުރުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދާއި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) އެވެ.
މި ދަތުރުގައި ކައުންސިލަރުންނާ އެކު ހިތަދޫ އަވަށު ބޯޑްގެ ރައީސް އިބްރާހީމް ޝިނާޒް މޫސާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ދަތުރުތައް ފެށުމުގެ ގޮތުން މިރޭ އެއާޕޯޓްގައި ބޭއްވި ހަފުލާގައި އެއްވެސް ކައުންސިލަރަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.
އަދި ބޯޓް ފުރުމުގެ ކުރިން ނެގި ހާއްސަ ފޮޓޯގައި ވެސް ލަންކާ އަށް ފުރި އެއްވެސް ކައުންސިލަރަކު ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.