Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ޖޯންސަން ޖޯންސަން ބޭބީ ޕައުޑަރ އެމެރިކާ އަދި ކެނެޑާގައި ވިއްކުން ހުއްޓާލަނީ

Photo: Brendan McDermid/Reuters

ޖޯންސަން އެންޑް ޖޯންސަން ގެ ތުއްތު ކުދިންގެ ފުށް އެމެރިކާ އަދި ކެނެޑާގައި ވިއްކުން ހުއްޓާލަން ނިންމައިފިއެވެ. އެކުންފުނިން މިގޮތަށް ނިންމާފައިވަނީ އެ ފުށުގެ ކޮންޒިއުމަރ ޕްރޮޑަކްޓް ޕޯޓްފޯލިއޯގެ ރީއެސެސްމެންޓެއް ފުޅާ ދާއިރާއެއްގައި ހެދުމުގެ ގޮތުންނެވެ.

އަންގާރަ ދުވަހު އެކުން ފުނިން މިކަން އިއުލާނު ކުރި އިރު، މި ޓެލްކަމް ފުށުގެ ސަބަބުން ކެންސަރު ޖެހޭ ކަމަށް ބުނެ، ކުންފުނީގެ މައްޗަށް އެތައް ހާސް ދައުވާއެއް ވަނީ ކުރެވިފައެވެ. ނަމަވެސް އެކުންފުނިން ވަނީ ފުށުގެ ރައްކާތެރި ކަމާމެދު އިތުބާރު އޮތް ކަމަށްބުނެ، ކޯޓުގައި އެކަން ސާބިތު ކޮށްދޭން ހިފާފައެވެ.

އެމެރިކާ އަދި ކެނެޑާގައި މި ފުށް ވިއްކުން ހުއްޓާލި ނަމަވެސް، އެކުންފުނިން ވަނީ ދުނިޔޭގެ އެހެން ޤައުމު ތަކުގައި މި ފުށް ވިއްކުން ކުރިއަށް ގެން ދާނެކަން އިއުލާން ކޮށްފައެވެ. އަދި ކޯން ސްޓާޗް ބޭނުން ކޮށްގެން އެ ކުންފުނިން އުފައްދާފައިވާ ފުޑް އުތުރު އެމެރިކާގައި ވިއްކަމުން ގެންދާނެ ކަންވެސް ޖޯންސަން އެންޑް ޖޯންސަން އިން ހާމަ ކުރިއެވެ.

މީގެ އިތުރުން، ޖޯންސަން އެންޑް ޖޯންސަންގެ މި ފުށަށް އެމެރިކާގެ ބާޒާރުގައި އޮންނަ ޑިމާންޑު ދުވަހުން ދުވަހަށް ދަށް ވަމުން ދާކަން މީގެ ކުރިން އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން، އެތައް ފާޑު ކިޔުމެއް ކުރިމަތި ވެފައިވާ މި ޕްރޮޑަކްޓްލައިންގެ އެތައް ބާވަތެއް ބާޒާރަށް ނެރުން އެކުންފުނިން ވަނީ މާރޗު މަހުގައިވެސް ހުއްޓާލާފައެވެ.

ފާއިތުވެ ދިޔަ އޮކްޓޫބަރު މަހު އެކުންފުނީގެ މި ފުށުގައި ގިނަ އަދަދަކަށް އެސްބެސްޓޮސް ނަމަކަށް ކިޔާ ކާސިނޯޖެން (ކެންސަރަށް މަގުފަހި ކުރުވާ ބާވަތެއް) ހުރިކަން އެމެރިކާގެ ފޫޑް އެންޑް ޑަރަގް އެޑްމިނިސްޓްރޭޝަނުން ހާމަ ކުރުމާއެކު، އެ ފުށުގެ މުޅި އެއް ބެޗު އެ ކުންފުނިން ވަނީ ބާޒާރުން ވެސް ނަގާފައެވެ. އެގޮތުން އެފަހަރު 33،0000 ފުށް ދަޅު ބާޒާރުން ނަގަން ޖެހުނެވެ.

ބައެއް ކުޑަ ކުދިންގެ ޑޮކްޓަރުން ލަފާ ދެއްވާ ގޮތުގައި ތުއްތު ކުދިންގެ ހަށިގަނޑުގައި މިފަދަ ޓެލްކަމް ފުށް ބޭނުން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މި ފުށް އެކުދިންގެ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވަދެ، އިންފެކްޝަން އުފެދުމުގެ ފުރުސަތު އޮންނާތީއެވެ.