ކޮންމެ ރޯދަ މަހަކު މަރަދޫ ގޯދިއްޔާ އިން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ މި އަހަރުގެ މުބާާރާތް "ކުރްގަ ރޯދަ ފުޓްސަލް ކަޕް 2013" ގެ ޗެމްޕިއަންކަން މަރަދޫ ޒިލޯން ހޯދައިފި އެވެ.
މަރަދޫ ބޯޅަ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗްގައި ޒިލޯން އާ ބައްދަލު ކުރި ޒިލޮޓް 2-1 ލަނޑުން ބަލިކޮށް، ޒިލޯން ޗެމްޕިއަންކަން ހޯދީ ފަހަތުން އަރައި މޮޅުވެގެންނެވެ. އެ ޓީމް ފައިނަލަށް ދިޔައީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ، ގްރޫޕް ބީގެ އެއް ވަނަ ޓީމްގެ ގޮތުގަ އެވެ.
މުބާރާތް އެ ޓީމް ކާމިޔާބް ކުރުމާ ގުޅިގެން ތަށްޓާއި މެޑަލާއި ފައިސާގެ ގޮތުގައި 50،000ރ. ވަނީ ލިބިފަ އެވެ. މުބާރާތުގެ ރަނައަޕް ޓީމަށް ޒިލޮޓް ވެސް 15،000ރ. ގެ ފައިސާގެ އިނާމު ލިބިފައިވެ އެވެ.
ވީޓީވީން ލައިވް ވެސް ކުރި މެޗް ޝަރަފުވެރިކޮށް ދެއްވީ ގައުމީ ފުޓްބޯޅަ ޓީމްގެ ޑިރެކްޓަރު އަލީ ސުޒޭން އާއި ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނި ޒިލޮޓްގެ ކޯޗް އިބްރާހީމް ނަސީމެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޒިލޮންގެ އަހުމަދު މުއާޒެވެ.
އަދި އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓް ވެސް ހާސިލް ކުރީ ޒިލޯންގެ ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ ޝައްފާނެވެ. މުބާރާތުގެ މޭން އޮފް ދަ ޓޯނަމަންޓަކަށް ވެސް ހޮވުނީ އޭނާ އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވެސް ހޮވާފައިވެ އެވެ.
މުބާރާތުން އެކިއެކި ވަނަތަަކަށް އިނާމް ހަވާލްކޮށް ދެއްވީ ސުޒޭނާއި އުރުބާނީގެ އިތުރުން މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) އާއި މަރަދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް އަހުމަދާއި މަރަދޫ ދާއިރާގެ މަޖިިލިސް މެމްބަރު ހަސަން އާދިލެވެ.
މި އަހަރު ނިމިގެން ދިޔަ ގޯދިއްޔާ ފުޓަސަލް ހަ ވަނަ މުބާރާތުގައި ޖުމްލަ 20 ޓީމް ވާދަ ކުރި އެވެ.