Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އަންނަ މަހުގެ 30ގެ ނިޔަލަށް ވިސާ ފީގެ ޖޫރިމަނާ ފައިސާ ދައްކަން ނުޖެހޭނެ: އިމިގްރޭޝަން

އިމިގްރޭޝަންގެ ހިދުމަތް ދޭ ކައުންޓަރުގައި މުވައްޒަފުންތަކެއް -- ފޮޓޯ / ސަން

މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެންގުމުގެ ސަބަބުން ޓޫރިސްޓު ވިސާ، ޑިޕެންޑެންޓު ވިސާ، ވާކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވިސާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވިސާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30ވަނަ ދުވަހާއި ދެމެދަށް ވިސާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.