Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ފަލަކީ ހިސާބަށް ބަލާއިރު އީދު ވާނީ އާދީއްތަ އަށް: މައުމޫން

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ފަލަކީ ހިސާބުން ދައްކާގޮތުން ފިޠުރު ޢީދު ވާނީ އަންނަ އާދީއްތަ ދުވަހަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މިހިނގާ ރަމަޟާން ވެސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށާއި މިދިޔަ ޝަޢުބާން މަސް ވެސް ވީ 30 ދުވަހުގެ މަހަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޤަބޫލު ކުރެވިފައި އޮންނަނީ، ހިޖްރީ މަހެއް 30 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 29 ކަމަށެވެ. ހިޖްރީ މަހެއް 29 ވެއްޖެނަމަ، ދެން އަންނަ މަހެއް ވާނީ 30 ކަމަށެވެ. ޢާންމުކޮށް ބަލާއިރު މިކަން ހިނގަނީ މިހެންނެވެ. އެހެންނަމަވެސް، ބައެއް ފަހަރު 29 ދުވަހުގެ ދެ މަސް ވިދިވިދިގެން އަތުވެދާނެއެވެ. ނުވަތަ 30 ދުވަހުގެ ދެ މަސްވެސް ވިދިވިދިގެން އަތުވެދާނެއެވެ. މިފަހަރު މިވަނީ، އެހެންނެވެ" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވި ގޮތުގައި ހަނދު މަހެއް ފެށެނީ، ހިނގާ ހަނދު މަހުގެ 29 ދުވަސް ހަމަވެ، އެދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ނޯއްސި ހުރިނަމަ، އެވަގުތުން ފެށިގެން ނުވަތަ 30 ދުވަސް ހަމަވުމުން ކަމަށާއި ހިނގާ ހަނދުމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސިއްޖެނަމަ، އެމަސް ވާނީ 30 ދުވަހުގެ މަހަކަށް ކަމަށެވެ.

އަދި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިއަދުގެ އިރު އޮއްސުމުގެ ކުރިން ހުރިހާ އިސްލާމީ ގައުމުތަކަށް ހަނދު އޮއްސޭ ކަމަށާއި މިގޮތުން، ރާއްޖެއަށް ބަލާނަމަ، ރާއްޖޭގެ އެންމެ އުތުރަށް މިއަދު އިރު އޮއްސުމުގެ 12 މިނެޓު ކުރިން، މާލެއަށްވެސް އިރު އޮއްސުމުގެ 12 މިނެޓު ކުރިން، އަދި ރާއްޖޭގެ އެންމެ ދެކުނަށް މިއަދު އިރު އޮއްސުމުގެ 11 މިނެޓު ކުރިން ހަނދު އޮއްސޭނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"އެހެނިހެން އިސްލާމީ ގައުމުތަކަށް ބަލާއިރު، އެންމެ އިރުމައްޗަށް އޮންނަ އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެންމެ ހުޅަނގަށް އޮންނަ މޮރޮކޯގެ ކެސެބްލަންކާއަށް އެދުވަހު އިރުއޮއްސުމުގެ 4 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެންމެ އުތުރަށް އޮންނަ ތުރުކީއަށް އެދުވަހު އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސެއެވެ" މައުމޫން ވިދާޅުވިއެވެ.

މި ހުރިހާ ތަންތަނަށް މިހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ މާދަމާ ވާނީ، މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަހަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

އަދި މިއަހަރުގެ ޝައްވާލު މަހުގެ 1 ވާނީ އަންނަ އާދީއްތަ ދުވަހަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.