އައްޑޫގައ ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާ ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނުގެ ފަރާތުން ބައްދަލުކޮށްފި އެވެ.
އިއްޔެ މެންދުރު ފަހު ބޭއްވި މި ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޝަނުގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ޝިފާން އާއި އައްޑޫ ސިޓީގެ އެކްޓިން ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު މުޙައްމަދު ޙަސަން އާއި ގަން ޕޮލިސްގެ އިންޗާޖް ޕޮލިސް ކޯޕްރަލް ހާމިދު ވަޖީހް އަދި އައްޑޫ ސިޓީ ޕޮލިސްގެ ސީނިއަ އިންވެސްޓިގޭޝަން އޮފިސަރު ޕޮލިސް ސްޓާފް ސާޖެންޓް އިބްރާހިމް ނައީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމަކީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބްގެ އެންމެހައި ކަންތައްތައް އަމާން ކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދިއުމައްޓަކައި، އިންތިޚާބުގެ ސެކިއުރިޓީ އާ ގުޅުންހުރި މުހިންމު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ޑިވިޝަން ކޮމާންޑަރު ޝިފާން ދެއްކެވި ވާހަކައިގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އަމާން އިންތިޚާބަކަށް ހެދުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށާއި ޕާޓީ ތަކުގެ މެދުގައި ދިމާވާ ކަންތައްތައް އެއް ބަޔަކު އަނެއް ބަޔަކު ބަދަލު ހިފުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ކަންތައްތައް ހައްލުކުރުމަށް އެދިވަޑައިގެންނެވި އެވެ.
އަދި ރިޔާސީ އިންތިޚާބުގެ ވޯޓްލާ ދުވަހު ދިމާވާ ކަންތައްތަށް ހައްލު ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން އިސްކޮށް އުޅުއްވާ ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެ އެވެ.
އަދި އައްޑޫގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަމަލު ކުރުމަށާއި، އަނެކާގެ ހައްޤަށް އުނި ކަމެއް ލިބޭނެ ފަދަ ގޮތަކަށް އެއްވެސް ޕާޓީއަކުން މަސައްކަތް ނުކުރުމަށް ޝިފާން އެދި ވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ޕާޓީތަކުގެ އޮފިޝަލުންގެ ފަރާތުން އިލެކްޝަން ކޮމިޝަނުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެ ކަންތައްތައް ރަނގަޅު ކުރަން މަސައްކަތް ކޮށްދިނުމަށް ފުލުހުންގެ ފަރާތުން ޕާޓީތަކުގެ އޮފިޝަލުން ވަނީ އެދިލައްވާފަ އެވެ.