Last Updated: April 25, 22:40
Thursday, April 25, 2024
ޚަބަރު

މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސްވީ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފި

ރާއްޖޭގައި ކޮވިޑް19 ފެނިފައި ނުވާ ރަށްތަކާއި އަދި އެބަލި ފެނި މޮނީޓަރިންގެ ހާލަތަށް ލުމަށްފަހު ނަގާފައިވާ ރަށްތަކުގެ ތެރެއިން 14 ދުވަސް ހަމަވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފިއެވެ. 

އެ ހުއްދަ ދިނީ ޔޫތު މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ވަނީ އެކަން ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފައިިވާ ކަމަށް ބުނެފައެވެ. 

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމުގައި އެޗްޕީއޭގެ އިތުރުން ޓެގް ޓީމާއި އެކުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

ޔޫތު މިނިސްޓްރީން ބުނީ ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުނާމެދު އިއުތިރާޒެއް ނެތް ކަމަށް އެޗްޕީއޭ އާއި ޓެގުން ބުނެފައިވާ ކަމަށެވެ.

އެފަދައިން އިއުތިރާޒު ކުރި ނަމަވެސް ގިނަ މީހުން އެއްވެގެން ކުޅޭ ކުޅިވަރުތައް ކުޅުން ފަދަ އެއްވެސް ހަރަކާތެއް ހިންގުމަށް ހިތްވަރު ނުދޭ ކަމަށާއި ވީހާވެސް ބޮޑަށް ގައިދުރު ކަމަށް އިސްކަން ދިނުމަށް ހިތްވަރުދޭ ކަމަށް އެޗްޕީއޭ އާއި ޓެގު ޓީމުން ބުނެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. 

ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން ޖެހިދާނެ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާ ދީ ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.