Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފަސް މެމްބަރަކު ދިރިއުޅުއްވާ ގެތައް މޮނިޓަރިންގައި، އެހެންކަމުން ޖަލްސާއަށް ހާޒިރެއްނުވެވުނު

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު ދިރިއުޅުއްވާ ގެތައް މޮނީޓަރިންގެ ހާލަތުގައި އޮތުމުން މިއަދުުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަނެވުނު ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ މަޖިލިސް ކުރާ އިދާރާގައެވެ. ރާއްޖެއިން ކޮވިޑް19 ފެނުމާއި އެކުގައި މަޖިލިސް ޖަލްސާތައް މިދިޔަ މާޗު މަހުގެ 30ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް މިއަދުގެ ޖަލްސާ ކުރިޔަށް ގެންގޮސްފައި ވަނީ ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށެވެ.

މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށްފަހު މަޖިލީހުގެ ހާޒިރީ އިއުލާނުކޮށްދެއްވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 47 މެމްބަރުން ކަމަށެވެ. ފަސް މެންބަރަކު ދިރިއުޅުއްވާ ގެތައް މޮނީޓަރިންގެ ހާލަތުގައިވާ ކަމަށާއި އެހެންކަމުން އެ ފަސް މެންބަރުންނަށް ޖަލްސާ އަށް ހާޒިރުވެވަޑައި ނުގެންނެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެ މެންބަރުންގެ ނަންތަކެއް ހާމައެއް ނުކުރައްވައެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ދިޔައިރު މެންބަރުން ތިއްބެވީ ދުރު ދުރުގައެވެ. މެންބަރުން ތިއްބެވީ މާސްކުވެސް އަޅައިގެންނެވެ. މިއަދުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދިނީ އެ އެޖެންސީ އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށެވެ. އެގޮތުން މެންބަރުން މާސްކު އަޅައިގެން ތިބުމާއި މެންބަރުން ދުރު ދުރުގައި ތިއްބެވުން ހިމެނެއެވެ.