Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އައިމާ ކޮންސްޓްރަކްޝަނާއި ދެކޮޅަށް ތިލަފުށީގައި ތިބި ބިދޭސީން މުޒާހަރާ ކުރަނީ

އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ތިލަފުށީގައި ބައިތިއްބާފައި ތިބި ބިދޭސީން އެ ކުންފުންޏާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މުޒާހަރާތައް ފެށުނީ މީގެ ދެ ރޭ ކުރިން، އެރަށުގައި ހުންނަ އެކުންފުނީގެ އޮފީސް ކައިރީގައެވެ. މުޒާހަރާ ކުރާ ފަރާތްތަކުގެ ޝަކުވާ އަކީ އެމީހުންނަށް ދެ މަސް ދުވަހުގެ މުސާރަ ނުލިބުމާއި، ކާނާ އަދި ބޭސް ފަރުވާގެ ކަންކަން ހަމަޖައްސައި ނުދިނުމެވެ.

މީގެ އިތުރުން އެމީހުން ތިލަފުށީގައި ބައިތިއްބާފައި ތިބި ތަނަކީވެސް ތޮއްޖެހިފައިވާ ތަނެއްކަން "އައްޑޫލައިވް" އަށް ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ވަނީ ކަަށަވަރު ކުރެވިފައެވެ.

މިވަގުތު އެރަށުގައި 300 އަށްވުރެ ގިނަ މީހުން މުޒާހަރާ ކުރަމުން ދާއިރު، އެތަނުގައި މިވަގުތު ހުރި ފަރާތަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދިން ގޮތުގައި، އެ ކުންފުނިން 400 އެއްހާ މީހުން ވަނީ މީގެ މަހެއް ހާ ދުވަސް ކުރިން އެރަށަށް ގެންގޮސްފައެވެ. އަދި މީހުން ގިނަ ކަމުން ބަހައްޓާނެ ތަނެއް ނެތިގެން ބައެއް މީހުން ބޯޓުގައިވެސް އެތައް ދުވަހެއް ވަންދެން ތިބެން ޖެހުނެވެ.

މިކަމާއި ގުޅިގެން، އެމީހުންނާއި ހަވާލުވެގެން އެރަށުގައި ހުރި އެކުންފުނީގެ ދިވެހި މީހާވަނީ ފުލުުހުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި މައްސަލަ ހައްލު ކުރުމަށްޓަކާ، މިއަދު ހެނދުނު 9 އާއި ހަމައަށް މުޒާހަރާ ކުރާ ފަރާތްތަކަށް ޖަވާބެއް ދޭނެ ކަމަށްވެސް ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެމީހާ މިއަދުގެ ފަތިހުގެ ވަގުތެއްގައި އެރަށް ދޫކޮށް، ލޯންޗެއްގައި ގޮސްފައިވާކަންވެސް "އައްޑޫލައިވް"އަށް ވަނީ ވަރަށް މުއުތަބަރު ގޮތަކަށް އެނގިފައެވެ.

މުޒާހަރާތަށް މިއަދާއި ހަމައަށް ދިގު ލައިގެން ގޮސްފައިވާއިރު، މިހާރު އެ ކުންފުނީގެ ދެ މުވައްޒަފުންނާއި، އެސްއޯ ފުލުހުންގެ ފައުޖެއްގެ އިތުރުން ދެ ތަހުގީގީ ފުލުހުންވެސް ވަނީ މި މައްސަލަ ހައްލު ކުރުމަށް އެރަށަށް ދަތުރުކޮށްފައެވެ.