Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އިންޑިއާ، ކޮރޯނާވައިރަސްގެ އެންމެ "ގަދަ 10" ގައި ހިމަނިއްޖެ

ނުރައްކާތެރި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އިންޑިއާގައި މެދުކެނޑުމެއްނެތި ދަނީ އިތުރުވަމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރުގަދަ ފުރަބަންދަކުން އިންޑިއާގެ ރައްޔިތުން ބަންދުކުރިކަމަށް ވިޔަސް ވައިރަސް ކޮންޓްރޯލެއް ނުވިއެވެ. ކޮރޯނާވައިރަސް ދުނިޔޭގައި ޖެހިފާ އެންމެ ގިނަ މީހުން ހިމެނޭ "ގަދަ 10"ގެ ތެރޭގައި އިންޑިއާ މިހާރު ހިމެނިއްޖެއެވެ.

ދުނިޔޭގެ މީޑިއާތަކުން ޚަބަރުދޭގޮތުގައި އީރާނު 10 ވަނައިން ކަޓައި އިންޑިއާއަށް ވަނީ ކޮރޯނާވައިރަސް އެންމެ ގިނައިން ޖެހުނު ގައުމުތަކުގެ ލިސްޓުން 10 ވަނަ ލިބިފައެވެ.

އަންގާރަދުވަހުގެ މެންދުރު ފަހުގެ ހިސާބުތަކަށް ބަލާއިރު އިންޑިއާގެ 145,634 މީހުންނަށް ވަނީ ކޮރޯނާވައިރަސް ޖެހިފައެވެ. އަދި އެބަލީގައި 4174 މީހުން ވަނީ މަރުވެފައިވެއެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނަ "ގަދަ 10" ގައުމަކީ އެމެރިކާ، ބްރެޒިލް، ރަޝިޔާ، އިނގިރޭސިވިލާތް، ސްޕޭން، އިޓަލީ، ފްރާންސް، ޖާމަނީ، ތުރުކީ، އަދި އިންޑިއާއެވެ.

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކުރީގެ ލީޑަރރެއްކަމުގައިވާ ރާހުލް ގާނދީ ވިދާޅުވި ގޮތުގައި ދެމަސް ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަބަންދު އިއުލާނު ކުރައްވަމުން ވިދާޅުވީ ކޮވިޑާ ހަނގުރާމަކުރަން ގައުމު ދަނީ 21 ދުވަހުގެ ފުރަބަންދަކަށްކަމަށެވެ.

"ލޮކްޑައުންގައި އިންޑިއާ 64 ދުވަސް ހޭދަކުރިއިރު މިހާރު ފެންނަމުންދަނީ އާދަޔާޚިލާފު ބާރުމިނެއްގައި ކޮރޯނާވައިރަސް ފެތުރެމުންދާތަން" ރާހުލް ގާނދީ ވިދާޅުވިއެވެ. "ސަރުކާރު މިއޮތީ ފޭލުވެފައި."

ރާހުލް ވިދާޅުވިގޮތުގައި ގައުމު ދަތުރުކުރަމުންދަނީ ނުރައްކަލުގެ ތެރެއަށްކަމުގައި އޭނާ ވާނީ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ހާމަކުރައްވާފައެވެ.

"މިހާރުވެސް ހާލަތު އޮތީ އެފަދަގޮތަކަށް. ކުދިވިޔަފާރިތަކަށް ސަރުކާރުންދޭ އެހީތަކުން އެއްކަމެއްވެސް ނުކުރެވޭ." އޭނާ ވިދާޅުވިއެވެ.

ރާހުލް ގާނދީ ހާމަކުރެއްވި ގޮތުގައި ފުރަބަންދުން ހާސިލުވާނެކަމަށް އުއްމީދުކުރިކަންތައް ވަމުންނެއް ނުދެއެވެ. ބަލިދަނީ އިތުރުވަމުންނެވެ.

"ގައުމުގެ އިގުތިސާދީ ހާލަތު ނުރައްކަލުގެތެރޭގައި ވަނިކޮށް ކޮރޯނާގެ ނުރައްކަލާ ކުރިމަތިވީ." ރާހުލް ވިދާޅުވިއެވެ.

މޯދީ އިއުލާނުކުރެއްވި ދުނިޔޭގެ އެންމެ ބޮޑު ފުރަބަންދުގެ ސަބަބުން އިތުރަށް ފަގީރުވަމުންދާކަމުގައި ވިޔަފާރިވެރިންނާއި ފަގީރުންވެސް ދަނީ ބުނަމުންނެވެ.