Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ޖާސޫސު ކުރުމުގެ ތުހުމަތުގައި އިންޑިއާއިން ކޮތަރެއް ހައްޔަރުކޮށްފި

Stock Image

ޕާކިސްތާނުގެ ޖާސޫސެއް ކަމަށް ބުނެ އިންޑިއާއިން ކޮތަރެއް ހައްޔަރުކޮށްފިއެވެ.

މި ކޮތަރު ހައްޔަރު ކުރެވުނީ ކަޝްމީރުގެ ކަތުއާ އަވަށުގެ ގީތާ ދޭވީ ނަމަކަށް ކިޔާ އަންހެނަކު އެކޮތަރު ހިފައި، އިދާރާތަކާއި ހަވާލު ކުރުމުންނެވެ. އޭނާ ބުނާ ގޮތުން އެކޮތަރު ވަނީ މޭއި 24 ވަނަ ދުވަހު އޭނާގެ ގެެއަށްވެސް ގޮސްފައެވެ.

ކޮތަރު ފެނުނު އިރު، ކޮތަރުގައި ހުރީ ފިޔާތޮށި ކުލަ ޖައްސާފައި ކަމަށާއި، އޭގެ ފައިގައި ބޮޅެއް އަޅުވައި، އެ ބޮޅުގައި ނަންބަރުތަކެއް ވެސް ހުރިކަމަށް ބައިނަލްއަގުވާމީ މީޑިއާ ތަކުގައި ހާމަ ކޮށްފައި ވެއެވެ.

ދަ ޓައިމްސް އޮފް އިންޑިއާއަށް ކަތުއާ ޕޮލިސްގެ ސީނިއަރ ސުޕްރިންޓަންޑަންޓް، ޝައިލެންދުރާ ކުމާރު މިޝްރާ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ، "އޭތި އައީ ކޮންތަނަކުން ކަމެއް ނޭނގެ. އާންމުންގެ ބަޔަކު އޭތި ހިފީ އަހަރެމެންގެ ފެންސުތައް ކައިރިން. އޭގެ ފައިގައި އަޅުވާފައި އޮތް ނަންބަރުތަކެއް ޖެހި ބޮޅެއް އަހަރެމެންނަށް ވަނީ ފެނިފަ. އިތުރު ތަހުޤީޤުތައް ކުރިއަށް ދަނީ."

ބައިނަލްއަޤުވާމީ މީޑިއާތަކުގައި ހާމަކޮށްފައިވާ ގޮތުން މި ދޫނި ހައްޔަރު ކުރެވުނީ އިންޑިއާ-ޕާކިސްތާނު ބޯޑަރުގެ ފެންސު ކައިރިންނެވެ. އެގޮތުން ކޮތަރު ފުލުހުންނާއި ހަވާލު ކުރީ އިންޑިއާގެ ބޯޑަރ ސެކިއުރިޓީ ފޯސް އިންނެވެ.

ދޫނިތައް މޫސުމީ ހިޖުރަކުރުމަކީ އާންމު ކަމެއް ނަމަވެސް ދޫނީގެ ފައިގައި "ސިއްރު މެސެޖެއް" ކަމަށް ބެލެވޭ ނަންބަރުތަކެއް ހުރި ބޮޅެއް އަޅުވާފައި ހުރުމަކީ އާންމު ކަމެއް ނޫންކަމަށް އެޤައުމުގެ ފުލުހުންނާއި ހަވާލާދީ ދަޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ކަމަށް ދަ ޓެލެގްރާފުގައި ރިޕޯޓުކޮށްފައިވެއެވެ.

މިއީ ޖާސޫސު ކުރާ ކަމުގެ ޝައްކުގައި އިންޑިއާގައި ދޫންޏެއް ހައްޔަރު ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. ތަހުގީގުތައް ނިމެންދެން ދޫނި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ކަނޑައެޅިފައެވެ.