Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގަމުގެ ފެން ތާނގީއެއް ފެޅި ގެއްލުންތަކެއްވެއްޖެ

މިއަދު ފަޅައިގެން ދިޔަ ތާނގީ ހުރި ޓަވަރު. ފޮޓޯ/ ކިއުންތެރިއެެއް

ސ. ގަމުގައި ހުރި ބޮޑު ފެން ތާނގީއެއް ފަޅައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ އެވެ.

ގަމުގެ ފްލައިން ސްކޫލްގެ އެކޮމޮޑޭޝަން އިމާރާތުގެ ކައިރީގައި އުސް ޓަވަރެއްގެ މަތީގައި ބަހައްޓާފައި ހުރި ދެ ފެން ތާނގީ ތެރެއިން އެއް ތާނގީ ފަޅައިގެން ގޮސްފައި މިއަދު މެންދުރު 12:00 ޖަހާއެހާކަންހާ އިރު އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ފްލައިން ސްކޫލްގެ އެކޮމޮޑޭޝަން ބްލޮކްގެ ފުރާޅުން ބައެއް ވަރަށް ބޮޑަށް ހަލާކުވެ އެ ތަނުގެ ތެރޭގައި ފެން ބޮޑުވެ ތަކެއްޗަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވެ އެވެ. ފްލައިން ސްކޫލުން ބުނީ އެތަނުގެ ދެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.

އަދި ލިބުނު ގެއްލުންތަކުގެ ތަފުސީލް ބަލަމުން އަންނަ ކަމަށް ފްލައިން ސްކޫލުން ބުންޏެވެ.

އަދި ފެންތާނގީ ފަޅައިގެން ގޮސް، ތާނގީ ހުރި ސަރަހައްދުގެ ބޮޑު ބަޔަކަށް ފެންގަނޑު ފެތުރި މުޅި ސަރަހައްދު ވަނީ ކިސަޑުވެފަ އެވެ.

ގަން އެއަޕޯޓް ކޮމްޕެނީ ލިމިޓެޑް (ޖީއޭސީއެލް) އިން ބުނީ ފަޅައިގެން ދިޔަ ތާނގީއަކީ އިނގިރޭސީންގެ ދުވަސްވަރު އެ މީހުން ހަދާފައިވާ ތާނގީތަކެއް ކަމަށާއި، މިއިން ކޮންމެ ތާނގީއެއްގައި ގާތްގަނޑަކަށް 80،000 ލީޓަރުގެ ފެން ހުންނާނެ ކަމަށެވެ.

އަދި މިހާތަނަށް ބެލިބެލުމުން ތާނގީ ފަޅައިގެން ގޮސްފައިވަނީ ދުވަސްވެ ބާވުމާ ގުޅިގެން ކަމަށް ޖިއޭސީއެލް އިން ބުންޏެވެ. މި ދެ ތާނގީއަކީ ވެސް ގަމަށް ފެން ދޫކުރުމަށް ބޭނުން ކުރާ ދެ ތާނގީ ކަމަށް ގަން އެ ކުންފުނިން ބުންޏެވެ.

އެހެން ނަމަވެސް އެއް ތާނގީ ހުންނަނީ ބޭނުން ނުކޮށެވެ.