Last Updated: July 2, 17:36
Wednesday, July 2, 2025
ދުނިޔެ

ބޭރު ގައުމުތަކުން އަންނަ އެންމެން ޓެސްޓެއް ނުކުރެވޭނެ: ޕާކިސްތާން

ބޭރުގައުމުތަކުން ޕާކިސްތާނަށް ދާ ހުރިހާ އެންމެން ކޮރޯނާވައިރަހަށް ޓެސްޓު ނުކުރެވޭނޭކަމުގައި ނެޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުން ބުނެފިއެވެ.

ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުން ބުނީ ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނީ ހަމައެކަނި ބަލީގެ އަލާމާތެއް ފެންނަން ހުންނަ ދަތުރުވެރިންކަމަށެވެ. އެހެން މީހުން ފޮނުވައިލާނީ ގެއަށެވެ.

ނެޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ ބައްދަލުވުމެއްގައި ނިންމާފައި ވަނީ އެއާޕޯޓުން ގައުމަށް އެތެރެވާ މީހުން ރަނގަޅަށް ސްކްރީންކޮށް ބެލުމަށެވެ. އެ ނިޒާމު ވަނީ އެއާރޕޯޓުގައި ގާއިމުކޮށްފައެވެ. ޓެސްޓު ކުރާނެ ސާމާނާއި ޑޮކްޓަރުން އެއާޕޯޓުގައި ތިބެއެވެ. އަދި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެއާޕޯޓުގައި ވަނީ އަޅާފައެވެ.

"ސްކްރީންކޮށް ބެލުމަށްފަހު ބަލީގެ އަލާމާތެއް ނުފެނިއްޖެނަމަ ގެއަށް ފޮނުވައިލާނީ." ސެންޓަރގެ އިސްބޭފުޅަކު ވިދާޅުވިއެވެ. "ސްކްރީންކޮށް ބަލާއިރު ބަލީގެ އަލާތްމާތް ފެންނަ މީހުން ޓެސްޓް ކުރާނީ."

ސްކްރީންކޮށް ބެލުމަށްފަހު ގެއަށް ފޮނުވާލެވޭ މީހުންގެ ހާލަތު ހުރިނެތްގޮތް ބެލުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަމަޖައްސާފައެވެ.

ބުދަ ދުވަހު އިރުއޮއްސުނު އިރުގެ ރިޕޯޓުތަކަށް ބަލާއިރު ޕާކިސްތާނުގައި ކޮރޯނާވައިރަސް ޖެހިފައިވާ 59,850 މީހުން އެބަތިއްބެވެ. އަދި 1231 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.