Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އެއިމްސް އިން އަންނަ ހަފްތާގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ: އަލީ އިހުސާން

ސ. ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާއިން އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އަލީ އިހުސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިގެ ޓެސްޓު އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ފެށުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ﷲގެ އިރާދަފުޅާއި އެކު އަންނަ ހަފްތާ ތެރޭގައި ޓެސްޓު ކުރަން ފެށޭނެކަމަށް އަލީ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ޓެސްޓު މިހާރު ހަދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބް، އަދި އޭޑީކޭގައެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެެވެ.

އެއިމްސް އަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދްމަތް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެތަނުން އަންނަނީ އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން ޓެލެމެޑިސިންގެ ހިދްމަތްވެސް ފޯރުކޮށްދެމުންނެވެ.