Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ލަފަޔާއެކު މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަނީ

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވި ލަފަޔާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ޖަލްސާ އޮންނާނީ މިރޭ 9:00 ގައި ކަމަށެވެ.

ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާތީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އެކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުފާތުވުންތައް އުފެދިފައެވެ.

އެއާއެކު މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުމަށް ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މަޖިލީހަށް ދެއްވި ލަފާގައި ބުނެފައިވަނީ ގާނޫނުގެ މާއްދާއަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށްވެސް އެ ލަފާގައި ބުނެފައިވެއެވެ.

މީގެއިތުރުން މިގޮތަށް އިސްލާހު ގެނެސްގެން މެނުވީ 4 އެޕްރީލް 2020 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާ ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.