Last Updated: April 26, 23:59
Saturday, April 27, 2024
ސިޔާސީ

އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ: ރޮޒެއިނާ

އެމްޑީޕީ އަކީ އެއް މަގްސަދެއް ހާސިލް ކުރުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި، އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލާއި ގުޅޭ ގޮތުން ރޭ މަޖްލިސްގައި ބޭއްވި ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެމްބަރު ވަނީ ބިލާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ދެއްވާފައިވާ އިސްތިޝާރީ ލަފާއަކީ ސަރުކާރުގެ ދެފެކްޝަނަށް ފަހިވާ ގޮތަށް އަރުވާފައިވާ ލަފާއެއް ކަމަށް ވިދާޅުވެފައެވެ.

ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ ލަފާއަކީ "ތުން މެޓައެއް" ކަހަލަ ހުރިހާ ފަރާތެއް ރުއްސާލެވޭ ފަދަ ރަނގަޅު ލަފާއެއް ކަމަށެވެ.

"ދެން ވަރަށް ސާފުކޮށް މި ދެންނެވީ އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި "ދެމިޔަލީ" ކަނޑިއެެއް ދީފައި އެއޮތީ، ދެ ފެކްޝަނަށްވެސް ވަރަށް ރަނގަޅަށް ފަހިވާފަދަ ގޮތަކަށްކަމަށް އަޅުގަނޑަށް ގަބޫލް ކުރެވެނީ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފުގެ ފަހުން ވާހަކަ ދައްކަވަމުން ރޮޒެއިނާ ވަނީ އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށް ވިދާޅުވެ، ޝަރީފަށް ރައްދު ދެއްވާފައެވެ.

ރޮޒެއިނާ ވިދާޅުވީ އެމްޑީޕީއަކީ ހިޔާލު ތަފާތުވީމާ ވަރަށް ގަދައަށް ޒުވާބު ކުރާ ބައެއް ކަމަށެވެ.

""މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ކައިރީގައި ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީގައި ދެ ފެކްޝަނެއް ނޯންނާނެ އޭ. އެކަމަކު އަޅުގަނޑުމެންނަކީ އަބްދުވެސް ހިޔާލުތަފާތުވީމަ އެކަމާ ވަރަށް ގަދަޔަށް ޒުވާބު ވެސް ކުރާ ބަޔެކޭ،"

ރޮޒެއިނާ މިފަދައިން ވިދާޅުވި އިރު ކައުންސިލަރުންގެ ދައުރާއި މެދު ހުށަހެޅިފައިވާ މައްސަލަ އާއި ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ މެދުގައިވަނީ ދެ ބަސްވުން އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔާފައެވެ. އަދި ބައެއް ފަރާތްތަކުން އަންނަނީ އެމްޑީޕީގައި ދެ ފެކްޝަން އުފެދި ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.