Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

6000 އަށް ވުރެ ގިނަ މީހުން ޖުރިމަނާކޮށްފި

މާލެ ސަރަހައްދުގެ ލޮކްޑައުން އާއި ހިލާފުވެގެން 6000 އަށް ވުރެ ގިނަ މީހުން ފުލުހުން ޖުރިމަނާކޮށްފިއެވެ.

މިދިޔަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އޭރިއާ ލޮކްޑައުންކޮށްފައިވާ އިރު ޒަރޫރީ ބޭނުން ތަކަށް ގެއިން ބޭރަށް ނިކުމެވެނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ހުއްދަ ނެތި މަގުމަތީގައި އުޅޭ ފަރާތްތައް ހައްޔަރުކޮށް ބައެއް މީހުން ވަނީ ޖުރިމަނާ ކޮށްފައެވެ.

އެޕްރިލް 15 އިން ފެށިގެން އިއްޔެގެ ނިޔަލަށް މިހާތަނަށް 6085 ފަރާތެއް ވަނީ ޖުރިމަނާކޮށްފައެވެ. އެއީ މާލެއިން ޖުރިމަނާ ކުރި 5303 މީހުންނާއި، ހުޅުމާލެއިން ޖޫރިމަނާކުރި 675 މީހުންނާއި، ވިލިމާލެއިން ޖޫރިމަނާކުރި 107 މީހުންނެވެ.

ފުލުހުން ބުނީ އިއްޔެ އެކަނިވެސް 155 މީހަކު ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. ހުއްދަ ނެތި ބޭރުގައި އުޅޭ ފަރާތްތައް ޖުރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.