ރައީސް ޑރ. މުހަައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭން ޕޯސްޓަރުތަކެއް، އެ ކޯލިޝަންގެ ސަޕޯޓަރުންތަކެއް ރޭ މަރަދޫގައި ހިއްޕަނިކޮށް އެމްޑީޕީގެ ބަޔަކާ ދެމެދު ޒުވާބުކޮށް މައްސަލަ ހޫނުވެއްޖެ އެވެ.
މައްސަލަ ހޫނުވީ މަރަދޫ ބޮޑު މަގުގައި ކުރިން ފިހާރައެެއް ހިންގި އިމާރާތެއް (މަރަދޫ މުފީދު ފިހާރަ) ގެ ފާރުގައި ކޯލިޝަންގެ ހިއްޕަން އުޅެނިކޮށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ގޮސް އެކަމަށް ހުރަސް އެޅުމުންނެވެ.
މިކަމާ ގުޅިގެން ދެ ފަރާތުގެ މެދުގައި ޒުވާބުކޮށް މައްސަލަ ހޫނުވާން ފެށުމުން ފުލުހުން ވެސް އެ ސަަރަހައްދަށް ގޮސް އެ ފަރާތްތަކާ ވާހަކަ ދައްކާފައިވެ އެވެ. އެއީ ރޭ ގާތްގަނޑަކަށް 9:00 ޖަހާ އެހާކަށްހާ އިރު އެވެ.
ކޯލިޝަންގެ ސަޕޯޓަރަކު ބުނީ އެ މީހުން ޕޯސްޓަރު ހިއްޕަނިކޮށް އެކަން ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުންތަކެއް ހުރަސް އަޅާފައިވާ ކަމަށެވެ.
"އެ ނޫން ބަޔަކު ކެމްޕޭންކޮށްގެނެއްް ވެސް ނުވޭ. އަޅުގަނޑުމެން އެމްޑީޕީއަށް ހުރަހެއް ނާޅަން. އެކަމަކު އެ ޕާޓީގެ ސަޕޯޓަރުުން ދަމީ އެހެން ޕާޓީތަކުގެ ކެމްޕޭންތަކަށް ހުރަސް އަޅަމުން. މިއީ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ބުންޏެވެ.
އެމްޑީޕީން އަންނަނީ އައްޑޫގެ ރަށްރަށުގެ އެ ޕާޓީގެ ދިދަފަތިތައް ދަމައި ރަށްރަށް ރީނދޫ ކުރަމުންނެވެ. އެގޮތުން މަރަދޫ ބޮޑު މަގުގައި ވެސް ގިނ އަދަދަކަށް ވަނީ އެމްޑީޕީގެ ދިދަފަތި ދަމާފަ އެވެ.
ކޯލިޝަންގެ ސަޕޯޓަރުން ވަނީ އިއްޔެ ގުޅިފައިވާ ރަށްރަށުގެ އެކި ދިމަދިމާލުގައި ޕޯސްޓަރުތައް ހިއްޕާފަ އެެވެ.