Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

އެމްޑީޕީއަކަށް ކާމިޔާބެއް ނުކުރެވޭ: އިލްޔާސް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭން އިސްލާމް ދީން ނައްތާލަން ބޮޑެތި މަސައްކަތްތަކެއް ކުރެއްވި، ލާދީނީ އެޖެންޑާއެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް 100 ބުރުން ވެސް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ޝެއިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުން ހިތަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ އިލްޔާސް ވަނީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ނަޝީދާއި ނަޝީދުގެ ބައިވެރިންނަށް ފައިސާ ދޭ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ.

"އެ މީހުންނަށް ވާގިވެރިވުމަށްޓަކައި އެ މީހުންގެ އަތުން ފައިސާ ހޯދައިގެން ދިވެހި ގައުމު އިސްތިއުމާރުގެ ދަށަށް ވެއްޓުމަށްޓަކައި މަސައްކަތް ކުރާ މީހުން އިންސާފުގެ ދަތުރޭ، ހައްގު ހޯދައި ދިނުމުގެ ނަމުގައި މަސައްކަތް ކުރަމުން އެބަ ދޭ،" ސިޔާސީ އެއްވުންތަކާ ދުރުގައި މިފަހުން ހުންނެވި އިލްޔާސް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާނީ ދެން ހުރެގެން އެކަމެއް ނުވާނޭ. އެއް ބުރުން ކީއްކުރަންތޯ 100 ބުރުން ވެސް ކާމިޔާބެއް ނުވާނެ ﷲގެ ރަހުމަތްފުޅުން. އެއީ ހަމަ ޔަގީން ކަމެއް. ސަބަބަކީ ދިވެހި ގައުމުގައި މުސްލިމުން އަދިވެސް އެބަތިބި. އަޅުގަނޑު ނުދަންނަވަން ދެން ތިބީ ޣައިރު މުސްލިމުންނޭ. އެހެން ނަމަވެސް ބައެއް މީހުން އެބަ ބުނޭ ތިމަންނަމެން އިސްލާމް ދީނަށް ވުރެ ބޮޑަށް ބޭނުންވަނީ ތަރައްގީއޭ. އެހެން ބުނާ މީހުން މަދެއް ނޫން. އެއީ ކޮން ބައެއްކަން ވެސް އަޅުގަނޑުމެންނަށް އެނގޭ."

އޭނާ ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދުތައް ގާނޫނުލް އުގޫބާތުގައި ލިޔަން ގަބޫލުނުކުރައްވާނެ ކަމަށް ނަޝީދު 2009 ގައި ވިދާޅުވި ކަމަށެވެ.

"އެކަމަކު އޭނާ އަށް ސަޕޯޓް ކުރުމަށްޓަކައި ބައެއް މީހުން ބުނަނީ އެއީ އެހެން ދެއްކި ވާހަކައެއް ނޫނޭ. ދެން ކިހިނަކުން ދެއްކި ވާހަކައެއްތޯ؟" އިލްޔާސް ސުވާލުކުރެއްވި އެވެ. "އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ވައުދުވެފައި ވަނީ އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ގައުމުގައި ފުރުސަތު ނުދޭނަމޭ."

ނަޝީދަށް ވަރަށް ފާޑުކިއުއްވަމުން އިލްޔާސް ވިދާޅުވީ ޑެންމާކް ފަދަ ގައުމުތަކަށް ވަޑައިގެން "ޕްލީޒް ހެލްޕް މީއޭ، ތިމަންނަ އެހެން ގޮތެއް ހޯދަން ބޭނުމޭ" ވިދާޅުވެ ވާހަކަ ދައްކާ ބަޔަކާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އެއީ ބަޔަކު ރާއްޖެ އަނދަވަޅަކަށް ވައްޓާލަން ކުރާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ނަޝީދަކީ އޭނާ ވާހަކަ ދައްކަވާ އިރު ކީރިތީ ރަސޫލަސް ސަލަވާތް ވެސް ކިޔުއްވާ ބޭފުޅެއް ނޫން ކަމަށެވެ.

އެހެންވެ އެކަ އިސްލާހު ކުރުމަށް ނަސޭހަތްތެރިވުމުން، ޖަލްސާއެއްގައި ނުބައިކޮށް ނަޝީދު ސަލަވާތް ކިޔުއްވާފައިވާ ކަމަށް ވެސް ޝެއިހް އިލްޔާސް ވިދާޅުވި އެވެ. އަދި ނަޝީދު ދީނާ ދެކޮޅަށް ކުރައްވަމުން ގެންދެވި ކަންތައްތަކާ ދެކޮޅަށް އަދާލަތު ޕާޓީން މަސައްކަތްކޮށް، އޭނާ ސީދާވުމަށް ވެސް ތަކުރާރުކޮށް ނަސޭހަތްތެރިވަމުން ދިޔަ ކަމަަށެވެ.

އެހެން ނަމަވެސް އޭގެ ބަދަލުގައި "އައްޑޫގައި ބުދު ބަހައްޓައި ނަޝީދު ފަހުރުވެވަޑައިގަތީ" ކަމަށް ޝެއިހް އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާސިމްގެ ފަރާތުން ވެސް ދީނާ ހިލާފް ކަންތައްތަކެއް ފެނިއްޖެ ނަމަ އެ ވާހަކަ ދައްކަވާނެ ކަމަށެވެ.

"ގާސިމަކީ ދިވެހިންނަށް ހެޔޮ އެދޭ، ގައުމަށް ހެޔޮ އެދޭ، ބޭރުގެ ނުފޫޒުން އެއްކިބާވެގެން ތިމަންނަ ކޮށްފައިވާ މަސައްކަތުން ހޯދި ފައިސާ އިން ގައުމު ތަރައްގީކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ބޭފުޅެއް. އެހެންވެ އަޅުގަނޑުމެން އެމަނިކުފާނުގެ ފަހަތުގައި މި ތިބީ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީން ގާސިމަށް ތާއީދު ކުރަން ނިންމީ އެއީ ދީން ދެކެ ލޯބިވާ ދީން ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ވާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"ދެން ސުވާލަކަށް އަންނަނީ 2008 ވަނަ އަހަރު ކީއްވެގެންހޭ ކަލޭމެން ތާއީދުކުރީ؟ އަޅުގަނޑުމެން އޭރު ވެސް ތާއީދުކުރީ ހަމަ މި ރިޔާސީ ކެންޑިޑޭޓަށް. ނަމަވެސް އެ ބޭފުޅާ އަށް އެފުރުސަތު ނުލިބުމުން ދެން އެ ދިގު މުއްދަތުގެ ތާރީހު އިޔާދަވާން ބޭނުން ނުވާތީވެ ދެން ހުންނެވީ މި އިސްތިއުފާ ދެއްވި ބޭފުޅާ. ދެން އެތާނގައި ﷲ ގަންދީ ހުވާކޮށްފައި މި ބުނަނީ ކުއްތާއެއް ހުރި ނަމަވެސް އަޅުގަނޑުމެން ވޯޓް ދޭނޭ އޭނަ އަށް. ހުރި ނަމަ އެބަޔަކަށް އަޅުގަނޑުމެން ވޯޓް ދޭނީ. ސަބަބަކީ ރައްޔިތުން ތިބީ އެގޮތަށް ބޭނުންވެފައި. އެދު ވަހު އެކަން އެގޮތަށް ކުރަން ޖެހުނީ ހާލަތު އޮތް ގޮތުން،" އިލްޔާސް ވިދާޅުވި އެވެ.

ަ ރައީސް މުހައްމަދު ވަހީދާ އެކު އަދާލަތުން ހެދި ކޯލިޝަން ރޫޅާލީ "ނޭނގޭ ސިއްރު އެޖެންޑާތަކެއް ގެންގުޅެން ފެށުމުން" ކަމަށް އިލްޔާސް ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.

"ސިއްރު އެޖެންޑާތައް އަޅުގަނޑުމެންނަށް ނާންގައި، އަޅުގަނޑުމެންނަށް ލޮޅުން އަރުވާލައި އަޅުގަނޑުމެންގެ ދީނަށް ލޮޅުން އަރާ ފަދަ ކަންތައްތައް ކުރަމުންދާތީ، އެ ދުވަހު އަޅުގަނޑުމެން ބުނެފައި އޮންނާނީ ސިއްރު އެޖެންޑާތައް ގެންގުޅޭތީ ހިތްހަމަނުޖެހިގެން އަޅުގަނޑުމެން ބޭރުވީއޭ،" އޭނާ ވިދާޅުވި އެވެ